ކްރިމިނަލް ކޯޓުގެ ކުރީގެ އިސްފަނޑިޔާރު އަހުމަދު ހައިލަމާ ގުޅޭ ގޮތުން އެ ކޯޓްގެ ފަނޑިޔާރުކަން ކުރެއްވި ހަސަން ނަޖީބް މިއަދު ދެއްކެވި ވާހަކަތައް ހައިލަމް ދޮގު ކުރައްވައިފި އެވެ.
ކުރީގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ގުޅިގެން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ނަޖީބު ވިދާޅުވީ ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު ފޯރާފައި އޮތް މިންވަރު ގާތުން ފެނިވަޑައިގެންނެވި ކަމަށާ އެކަން ތަޖުރިބާ ވެސް ކުރެއްވުނު ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ފުރަތަމަ ބެއްލެވި ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމާއެކު ދެކެވުނު ބައެއް ވާހަކަތައް ހިއްސާ ކުރެއްވި އެވެ.
"އަޅުގަނޑަކީ އެކަން [ޔާމީންގެ ޝަރީއަތް ނުފޫޒު ފޯރުވުން] ގާތުން ދުން މީހެއް. އެންމެ ފުރަތަމަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ އަލްއުސްތާޛު އަހުމަދު ހައިލަމް. އަހުމަދު ހައިލަމް އެ މައްސަލަ ބެއްލެވިއިރުގައި އަޅުގަނޑާއި އަހުމަދު ހައިލަމްއާ ދެމެދު ދެކެވޭ ވާހަކަތައް އަޅުގަނޑު ހަނދުމަ ނުނެތޭ. އެއް ދުވަހެއްގައި އަޅުގަނޑު ކޮޓަރީގައި އިންދާ ހައިލަމް އަޅުގަނޑުގެ ކޮޓަރިއަށް ވެންނެވި. އޭރު ރައީސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބައްލަވަނީ ހައިލަމް ފަނޑިޔާރު. އަޅުގަނޑު ދެންނެވިން ހައިލަމްއޭ ސުޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ މަގާމަށް ހުސްނުއްސުއޫދު ހަމަޖެހޭ ހަބަރު އެބަ އިވެއޭ. އާދެ، ތެދަށް މި ދަންނަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ސިޔާސީ މަަންފާއެއް އަދި އަމިއްލަ ފައިދާއެއް ނެތި މި ވާހަކަ މި ދައްކަނީ މި މުޖްތަމައަށް މި ވާހަކަ ބޭނުންވާނެތީ،" މަގާމުން ދުރުކުރަން ނިންމުމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވެވި ނަޖީބު ވިދާޅުވި އެވެ.
"ހައިލަމް ވަގުތުން ގުޅީ ރަައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ ޒާހިރަށް. އަލީ ޒާހިރަށް ގުޅުވުމުން އެއް މިނެޓް ނުވަނީސް އަލީ ޒާހިރު އަނެއްކާ ހަައިލަމަށް ގުޅުއްވަނީ. ހައިލަމަށް ގުޅުއްވީމަ ހައިލަމްގެ ފޯނު ސްޕީކަރަށް ލެއްވީ. ސްޕީކަރަށް ލައްވާފައި އަޅުގަނޑަށް އަޑުއިއްވަނީ، އަލީ ޒާހިރުގެ ކައިރީގައި ހައިލަމް މި ދަންނަވަނީ ވެސް އަލީ ޒާހިރެކޭ ނޫން، އަލިޕީއޭ ބުނީ. އަލިޕީއޭ މި ދެކެވެނީ ކޮން ވާހަކައެއްހޭ. ދެން އެ ކޮޅުން ވާހަކަ ދެއްކީ އަލީ ޒާހިރު. ވިދާޅުވީ ކިހިނެތްތޯއޭވީ. ބުނީމަ ބުނީ ހުސްނުއްސުއޫދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެބަ އައްޔަން ކުރޭ ނޫންހޭ. ލާހިކެއް ނޫނޭ އެއްވެސް ކަމެއް ތިމަންނާގެ ފަރާތުން ވާކަށް. މި ހަމަ ހަގީގަތް، ﷲ އަށްޓަކައި ހަދާ ތެދެއް މީ. ބުނީމަ އަލީ ޒާހިރު ދަންނަވަނީ ހައިލަމް ހާސްވެވަޑައިނުގަންނަވާށޭ. ހައިލަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަށަވަރުވެފައޭ އޮތީ ޖާގަ. މިއީ ހަގީގަތް. ހަމަ ސީދާ އަޅުގަނޑަށް އަޑުއިއްވި،"
ނަޖީބު ވިދާޅުވީ ހައިލަމަށް ވެސް އަދި އަލީ ޒާހިރަށް ވެސް އެ ވާހަކަތަކާއި ދެކޮޅު ނުހެއްދެވޭނެ ކަމަށެވެ.
ނަމަވެސް ނަޖީބުގެ ވާހަކަތައް ހައިލަމް ވަނީ ދޮގު ކުރައްވާފަ އެވެ. ހައިލަމް ވިދާޅުވީ މިއަދުގެ ނޫސްވެރިންގެ ބައްދަލްވުމުގައި ނަޖީބު މަސައްކަތް ކުރެއްވީ ރައީސް ޔާމީންގެ ޝަރީއަތާމެދު އޭނާ ކަންބޮޑުވެވަޑައިގަންނަވާކަން ދެއްކެވުމަށެވެ. އަދި ހައިލަމްއާ ގުޅޭގޮތުން ދެއްކެވީ މުޅީންވެސް ދޮގު ވާހަކަ ކަމަށް ވިދާޅުވިއެވެ.
އަދި ނަޖީބަށް ތުހުމަތު ކުރައްވާ ވިދާޅުވީ އޭނާއަކީ ވަޒީފާގެ ކަށަވަރުކަން ހޯދުމަށް އެމްޑީޕީއާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެކަމަށް މަގު ފަހި ކުރެއްވުމަށް ރައީސް ޔާމީން ޖަލަށް ހުކުމް ކުރެއްވުމަށް އޭނާ އަރިހުގައި ނަޖީބު އެދިވަޑައިގެންނެވި ކަމަށެވެ.
"ރައީސް ޔާމީންގެ ޝަރީއަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން ކުރީގެ ގާޒީ ނަޖީބް އަޅުގަނޑާ ބެހޭގޮތުން ދެއްކެވި ހަގީގަތާ ހިލާފު ވާހަކަތައް ކުށްވެރި ކުރަން. ނަޖީބަކީ ވަޒީފާގެ ކަށަވަރު ކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ޖަލަށް ލުމަށް އަޅުގަނޑު ގާތު އެދުނު ބޭފުޅެއް،" ނަޖީބަށް ވަރަށް ބޮޑު ތުހުމަތެއް ކުރައްވާ ހައިލަމް ވިދާޅުވިއެވެ.