ދުނިޔެ

ޔަމަންގެ އަަސްކަރީ މަރުކަޒަކަށް ހޫތީން ދިން ހަމަލާއެއްގައި 40 މަރު

ޔަމަންގެ އަލް-އަންދު އަސްކަރީ މަރުކަޒަށް ހޫތީން ދިން ބާރުގަދަ ހަމަލާއެއްގައި 40 ސިފައިން މަރުވެ 60 އަށް ވުރެ ގިނަ ސިފައިންނަށް ކުދި ބޮޑު އަނިޔާ ވެއްޖެ އެވެ. ސިފައިންގެ ސަރަހައްދީ ތަރުޖަމާން، މުހައްމަދު އައްނަގިބު ވިދާޅުވި ގޮތުން ހޫތީން ހަމަލާދީފައި ވަނީ ބެލަސްޓިކް މިސައިލުންނެވެ. އަދި ހަމަލާތަކުގައި ޑްރޯން ވެސް ބޭނުން ހިފާފައިވެ އެވެ.

ތަރުޖަމާން ވިދާޅުވީ ހަމަލާ ދިނީ ސިފައިން ފަރިތަ ކުރުންތަކެއްގައި އަވަދިނެތި އުޅެނިކޮށް ކަމަށެވެ. މި ހަމަލާއާ ގުޅޭ ގޮތުން ހޫތީން އަދި މީޑީއާއަށް ވާހަކައެއް ނުދައްކަ އެވެ.

އަލް-އަންދު އަސްކަރީ މަރުކަޒު ހުންނަނީ އަދަންގެ 60 ކިލީމީޓަރު ހުޅަނގުގަ އެވެ. މިއީ ޔަމަނުގައި ހުންނަ އެންމެ ބޮޑު އަސްކަރީ މަރުކަޒުތަކުގެ ތެރެއިން މަރުކަޒެކެވެ.

ޔަމަނުގައި ހާޖާން އުފެދި ހަނގުރާމައިގެ ހާއްޔަކަށް ވެފަައި ވަނީ 2014 އިން ފެށިގެންނެވެ. އީރާނުން ހޫތީންނަށް ވާގިވެރިވެ ހަތިޔާރާއި ފަނާކުރަނިވި އަސްކަރީ އާލަތްތައް ފޯރު ކޮށްދޭން ފެށި ފަހުންނެވެ. ހޫތީން ވަނީ ޔަމަނަށް ފެތުރިގަނެ ވެރިރަށް ސަނާއަށް ވެސް ބޮޑެތި ގެއްލުންތައް ދީފަ އެވެ.

ސައުދީ އިސްވެ އޮވެ 2015 ގައި އަރަބި އެކުވެރިންނާއެކު ހޫތީންނާ ދެކޮޅަށް ހަނގުރާމަ ފެށި ފަނުން ވެސް މަޝްރަހު ސާފެއް ނުވެ އެވެ. އޭގެ ބަދަލުގައި ދުވަހުން ދުވަހަށް ހާލަތު ގޯސްވެ ހޫތިން ދޭ ހަމަލާތަށް ވަނީ ފުޅާކޮށް ސައުދީއަށް ބޮޑެތި ހަމަލާތައް ދީފަ އެވެ.

އަލް-އަންދު އަސްކަރީ މަރުކަޒަން ހޫތީން ދިން ހަމަލާގައި އަރަބި އެކުވެެރި ގައުމުތަކުގެ ސިފައިންނަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.