ދުނިޔެ

ސައުދީ-އީރާން މަޝްވަރާތައް ބަޣުދާދުގައި ކުރިއަށް

ސައުދީއާ އީރާނުން ބަޣުދާދުގައި މަޝްވަރާ ކުރަމުން ގެންދާ ކަމަށް އިރާގުގެ ފޮރިން މިނިސްޓަރު ފުއާދު ހުސައިން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ މަޝްވަރާ ކުރެވެނީ ދެ ގައުމުގެ ދެމެދުގައި ވިސްނުން ތަފާތުވެފައި ހުރި މައްސަލަތައް ކޮޅެއްގައި ޖެއްސޭތޯ ކަށެވެ.

އީރާގުގައި މިދިއަ ހޮނިހިރު ދުވަހު ސަރަހައްދީ ސަމިއްޓެއް ބޭއްވި އެވެ. މައިގަނޑު އަމާޒަކީ ސަރައްދު އެކުވެރި ކުރުމެވެ. އީރާގުގައި ތިބި އެމެރިކާ ސިފައިން އެ ގަމުން ފައިބައި މަޝްރަހު ބެލެހެއްޓުން އީރާގާ ހަވާލު ކުރުމާ މެދު ވެސް ވާހަކަ ދެކެވުނެވެ.

އިރާގުގައި އޮތް ބަޣުދާދު ސަމިޓުގައި ސަރަހައްދީ ގައުމުތަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ސައުދީއާ އީރާން ވެސް ހިމެނެ އެވެ. މިސްރާއި އުރުދުން އަދި ސަރަހައްދުން ބޭރުން ފްރާންސް ވެސް ބައިވެރިވި އެވެ.

ފުއާދު ހުސައިން ވިދާޅުވި ގޮތުން ސައުދިއާ އީރާނުން ވެސް ގުޅުން ބަދަހި ކުރަން އެދެ އެވެ. ތިންވަނަ ފަރާތެއްގެ ސަބަބުން އުފެދިފައި ހުރި ހަމަނުޖެހުންތަކަކީ މާބޮޑު ކަމަކަށް ނުހަދައި ދެ ގައުމުން ވެސް ބޭނުން ވަނީ ގާތްގުޅުމެއް ދެމެހެއްޓުމަށް ކަމަށް އީރާގުގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ސައުދިއާ އިރާނުން މައްސަލަތައް ހައްލު ކުރަން ސިއްރިއްޔާތުގައި މަޝްވަރާ ބައްދަލުވުންތައް ވަނީ މިއަހަރު ކުރީކޮޅުގައި ވެސް ބާއްވާފަ އެވެ. ދެ ގައުމުގެ ގުޅުން ކަނޑައިގެން ގޮސް ފުރަގަސްދީފައި ވަނީ 2016 ގައެވެ.

ފުއާދު ވިދާޅުވި ގޮތުން ސަރައްދީ ސަމިޓެއް ކޮންމެ އަހަރަކު ކޮންމެވެސް ގައުމެއްގައި ބޭއްވުމަކީ ފައިދާ ބޮޑު ކަމެކެވެ. ގައުމުތަކުގެ ވެރިން އެއްމޭޒު ދޮށުގައި އެކުވެލައި ސައްލާ ކުރުމުން އުފެދިންދާ އަހުވަންތަކަމުގެ އިތުރުން ގައުމުތަކަށް ލިބޭ ވަރަށް ބޮޑު ދިރުމެއް ކަމަށް ވެސް ފުއާދު ސިފަކުރެއްވި އެވެ.

އީރާންގެ ވެރިކަން ބަދަލުވުމާ ގުޅިގެން އާންމުކޮށް ބުނެވުނު ގޮތާ ޚިލާފަށް ސައުދީއާ އީރާންގެ ގުޅުން ވާންފެށީ ރަނގަޅެެވެ. އީރާންގެ ރައީސްކަމަށް އިބްރާހީމް ރައިސީ ވަޑައިގަތުމަށް ފަހު ދެ ގައުމުގެ ގުޅުން ގޯސްވެދާނެ ކަމަށް ބުނެވުނު ނަމަވެސް ރައީސީ ވިދާޅުވީ ސައޫދީއާއެކު ގުޅުން ބަދަހި ކުރެއްވުމަށް އެދިވަޑައިގެން ހުންނެވި ކަމަށެވެ.