ސައުދީ އަަރަބިއްޔާ

ދެ ގައުމެއްގެ އެހީގައި ސައުދީން އިރާނާ މަޝްވަރާކުރަނީ

ސައުދީ އާއި ރާނާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ނައްތާލުމާ ބެހޭ ގޮތުން ޕާކިސްތާނާއި އިރާގު ސަރުކާރުގެ އިސް އޮފިޝަލުން މެދުވެރިކޮށް ނުރަސްމީ މަޝްވަރާތަކެއް ބާއްވަން ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ނިންމަވައިފި އެވެ.

ނިއުޔޯކް ޓައިމްސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޕްރިންސް މުހައްމަދު އިރާގާއި ޕާކިސްތާނު މެދުވެރިއަކަށް ހަދައިގެން އިރާނާ މަޝްވަރާތައް ކުރަން ނިންމެވީ އަރަމްކޯ ފެސިލިޓީޒަށް ދިން ހަމަލާގެ އިތުރު މައުލޫމާތު ހޯއްދަވާށެވެ.

އަދި ގަލްފު ސަރަހައްދުގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ނައްތާލަން އިރާނު ސަރުކާރުން ތަހުގީގަށް އެއްބާރުލުން ދޭން ޖެހޭނެތީ އެވެ. އަރަމްކޯ ފެސިލިޓީޒަށް ހަމަލާ ދީފައި ވަނީ އިރާނުން ކަމުގައި ވިޔަސް، މިއީ އިރާނު ސަރުކާރުގެ އެއްބާރުލުމާއެކު ދިން ހަމަލާއެއްކަން އަދި ސާފެއް ނުވެ އެވެ.

މުހައްމަދު މީގެ ކުރިން ވިދާޅުވެފައިވަނީ އިރާނާއެކު ހަނގުރާމައަކަށް ދާން ބޭނުންފުޅު ނުވާ ކަމަށެވެ. އަނެއްކޮޅުން އިރާނުން ބުނެފައި ވަނީ އެެމެރިކާއިން އަރަމްކޯއަށް ދިން ހަމަލާއެއްގެ ޒިންމާ އިރާން ސަރުކާރުގެ ބޮލުގައި އަޅުވަނީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާ ކޮށެވެ. އެކަަމަކު އަރަމްކޯ ފެސިލިޓީޒަށް ހަމަލާ ދޭން ބޭނުންކުރި ޑްރޯން ތަކާއި މިސައިލް ތަކަކީ އިރާންގެ އަސްކަރިއްޔާއިން ވެސް ބޭނުންކުރާ ހަތިޔާރުތަކެވެ.

މިހާރު ސައުދީން އިރާނާއެކު ކުރަން ބޭނުންވާ މަޝްވަރާތަކުގެ މައިގަނޑު އެއް އަމާޒަކީ، އިރާނުގެ ނިއުކްލިއާ ޕޮރްގްރާމް ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. ޕްރިންސް މުހައްމަދު ވިދާޅުވާ ގޮތުގައި، އަރަމްކޯއަށް ދިން ހަމަލާގެ ސަބަބުން ގަލްފް ގައުމުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުން ނިމުމަކަށް އަންނާނީ އިރާނުން ނިއުކްލިއާ ފައްކާ ކުރުން ހުއްޓާލައިގެނެވެ.