ދުނިޔެ

އީރާގުގެ ބޮޑުވަޒީރު ކަޒީމީ އީރާންގައި

އީރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކަޒީމީ އީރާނަށް ވަޑައިގެންފި އެވެ. އީރާނުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް އިބްރާހީމް ރައީސީ އެވެ. ކަޒީމީ އީރާނަށް ވަޑައިގެން މިއުޅުއްވަނީ ސައޫދީއަށް ކުރެއްވި ރަސްމީ ދަތުތެއް ނިންމަވާލެއްވުމަށް ފަހު އެވެ.

އީރާން ނިއުސް އޭޖެންސީ ބުނާ ގޮތުން އީރާނާއި އިރާގާ ދެމެދު ރަސްމީ މަޝްވަރާތައް އޮންނާނެ އެވެ. ދެގައުމުގެ ގުޅުމާއި، ސަރަހައްދީ ގުޅުން އަދި ބައިނަލްއަގްވާމީ މަސްލަހަތު އޮތް ގޮތް ދެ ލީޑަރުން އަންދާޒާ ކުރައްވާނެ ކަމަށް ވެސް އިރާން ޚަބަރުތައް ބުނެ އެވެ.

އީރާގުގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން ކަޒީމީ ސައޫދިއަށް ވަޑައިންގެން ވަލީއަހުދު މުހައްމަދު ބިން ސަލްމާއާ ބައްދަލު ކުރެއްވި އެވެ. ރިޕޯޓްތައް ބުނާ ގޮތުން ވަލިއަހުދާ އެކު އޮތް ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

އެެހެން ނަމަވެސް، ދެ ލީޑަރުންގެ މައިގަނޑު މަޝްވަރާތައް އަމާޒުކުރެއްވީ ސަރަހައްދީ ސުލްހައަށް ކަމަށް ސައޫދީ ނޫސް އޭޖެންސީން ބުނެ އެވެ.

އީރާނާއެކު ގުޅުން ގާތްކޮށް ދެ ގައުމު އެކުވެރިވުމަށް ކަޒީމީ މީގެ ކުރިން ވެސް ވަނީ މަޝްވަރާތަކުގެ މެދުވެރިއަކަށް ވެ ވަޑައިގެންފަ އެވެ.

މުސްތަފާ ކަޒީމީގެ މި ދަތުރަކީ ވެސް އިރާނާއި ސައޫދީއާ ދެމެދު ގާތް ގުޅުމެއް އުފެއްދޭތޯ ކުރައްވާ ދަތުރެއް ކަމަށް ކުރިން ވެސް އޮތީ އެނގިފަ އެވެ.

ކަޒީމީ އީރާނަށް ވަޑައިގެން ރައީސް، އިބްރާހީމް ރައީއާ މަޝްވަރާ ކުރެއްވުމުގައި ސައޫދީ އާއެކު މަޝްވަރާތައް އަޅުން ފަށަން ބާރުއަޅުއްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ހުރި ޚިލާފުތަކާ އެކު ވެސް ސަރަހައްދީ މަސްލަހަތަށް އިސްކަން ދެއްވުމަށް ދަންނަވާނެ އެވެ.

އީރަނާ މެދު ސައޫދިއަށް މިހާރު އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމާއި ބެލަސްޓިމް މިސައިލް ނިޒާމް ހަރުދަނާ ކުރަން އިރާނުން ކުރާ އަޑި ނޭނގޭ މަސައްކަތްތަކެވެ.

ގަލްފު ސަރަހައްދުގައި މިހާރު ވެސް އިރާނުން ސްޕޮންސަރު ކޮށްފައި ތިބި ހަނގުރާމަވެރިން ގެންދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންނަކީ ވެސް އީރާނުން ތަމްރީންކޮށް ދޫކޮށްލާފައި އޮތް ގުރޫޕެކެވެ.

ހޫތީން ޔަމަނުގައި ތިބެގެން ސައޫދީގެ އަވަށްތަކަށް ހަމަލާ ދިނުމަކީ ވެސް ދެ ގައުމުގެ ގުޅުމަށް ނުބައި އަސަރު ކޮށްފައި އޮތް ކަމެކެވެ.