ދުނިޔެ

ޕާކިސްތާން ބޮޑުވަޒީރު އިމްރާން ސައޫދީގައި

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ތިންދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސައޫދީއަށް ވަޑައިގެންފި އެވެ. މިއީ ސައޫދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދެއްވި ޚާއްސަ ދައުވަތެކެވެ. އިމްރާންއަށް ޖިއްދާގެ އެއާޕޯޓުން މަރުހަބާ ދެންނެވީ ވެސް ވަލީއަހުދު ބިން ސަލްމަން އެވެ. އަދި ކޮމާސް މިނިސްޓަރާއި އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އިމްރާން ސައޫދީގައި ވަޒީރުންނާ ބައްދަލުކުރައްވާނެ އެވެ. ވަލީއަހުދާއެކު ބޭއްވެވި ޚާއްސަ ބައްދަލުވުމެއްގައި ދެބޭފުޅުން ވަނީ ބައިނަލްއަގްވާމީ ސަރަހައްދީ މަސްލަހަތާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. ދެގައުމު ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި ޑްރަގް މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ. އެހެން ނަމަވެސް ދެބޭފުޅުންގެ ސީރިއަސް އެޖެންޑާއާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތެއް ނުދެ އެވެ.

ދެގައުމު ގުޅިގެން ސަރަހައްދީ މަސްހަލަތު ހިމާޔަތްކުރުމާއި ޕާކިސްތާންގައި މިސްކިތެއް ބިނާކުރުމާ ބެހޭ މަޝްވަރާތައް ވެސް އެޖެންޑާކޮށްފައިވެ އެވެ.

ދުނިޔޭގެ މަސްލަހަތަށް ބަލާއިރު ސައޫދީއާ ޕާކިސްތާނުން އީރާނާ ބެހޭ ގޮތުން ޚިޔާލުބަދަލުކުރުމަކީ އެކަށީގެންވާ ކަމެވެ. އަނެއްކޮޅުން ސައޫދީން އީރާނާއެކު ގުޅުން ރަނގަޅުކުރަން މަސައްކަތްކުރަމުން އަންނައިރު ޕާކިސްތާންނަކީ މުހިންމު ބައިވެރިއެއް ގޮތުގައި ވަނީ ބަލައިގެންފަ އެވެ.