ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހުއްޓުވައި ދިނުމަށް އެދި އިދިކޮޅު ޕީޕީއެމް / ޕީއެންސީން މަޖިލީހުގައި އިހުތިޖާޖުކޮށްފި އެވެ.
އިދިކޮޅުން މިއަދު ތަޅުމުގައި އިހުތިޖާޖު ކުރަން ފެށީ ކ. ރަސްފަރި ފަރަށް ޕެނަމާ ބޯޓު އުރުނު މައްސަލައި ބަލައި ފިޔަވަޅު އެޅުމަށް މަކުނުދޫ ދާއިރާގެ މެމްބަރު ކުއްލި މައްސަލައެއް ހުށަހެޅުއްވުމާ ގުޅިގެން ނެވެ.
ގަވާއިދު ބުނާ ގޮތުން އެއް ޖަލްސާއެއްގައި ކުއްލި ދެ މައްސަލައެއް އައިސްފި ނަމަ އެ ދުވަހުގެ ޖަލްސާގައި ބަހުސަށް ހުޅުވާލާނީ ގުރުއަތުން ހޮވޭ މައްސަލައެކެވެ. އަނެއް މައްސަލައަށް ބަހުސަށް ހުޅުވާލާނީ ދެން ޖަލްސާއެއްގަ އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ރާއީ އެ މައްސަލަ ހުށަހެޅުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންގެ އޯޑިއޯތަކާ ގުޅޭ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުން އެ މައުލޫއަށް ބަހުސް ކުރިޔަ ނުދޭން ވެގެން ކަމަށެވެ. ޝަރީފް އެދިވަޑައިގެންނެވީ ރައީސް ޔާމީނަށް ނުހައްގުން ހުކުމް ކުރުމަށް ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލަ އިންސާފުވެރި ކަމާއެކު ތަހުގީގު ކުރުމަށެވެ.
އެހެންވެ ރާއީ ކުއްލި މައްސަލަ ހުށަހަޅުއްވައި ބަހުސަށް ހުޅުވާލިތަނާ ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ވަނީ ރައީސް ޔާމީނާ ގުޅޭ މައްސަލަ މިވަގުތަށް މާ މުހިންމުކަމަށް ވިދާޅުވެ އިހުތިޖާޖު ކުރައްވަން ފައްޓަވައިފަ އެވެ.
ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ކޯޓުގައި ހިނގާ މައްސަލައަކީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި އިދިކޮޅުން ތަކުރާރުކޮށް އިހުތިޖާޖު ކުރަމުން ދިޔުމުން ޖަލްސާ މެދުކަނޑާވެސް ލެއްވި އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރުގެ ހުކުމެއް އިއްވީ ފަނޑިޔާރުން ރަހީނު ކޮށްގެން ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ބައެއް ފަނޑިޔާރުން އެ ހުކުމާ ދެކޮޅު ހަދާ އޯޑިއޯތަކެއް އާންމުވުމާ ގުޅިގެން ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅާއި އާންމުން ވެސް މިހާރު ދަނީ ވަރަށް ބޮޑަށް ގޮވާލަމުންނެވެ.