ހުސައިން ޝަހީމް

އަފީފް މަޖިލިސް ހަރާބު ކުރަނީ އިދިކޮޅާ ގުޅިގެން: އަނދުން

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު މިއަދު ބަލަހައްޓަވަމުންދާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އިދިކޮޅު ޕީޕީއެމް / ޕީއެންސީއާ ގުޅިގެން މަޖިލިސް ކުރިއަށް ގެންދަން ހުރަސް އަަޅުއްވަމުންދަވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ތުހުމަތު ކުރައްވައިފި އެވެ.

ޝަހީމް އެފަދައިން ވިދާޅުވި އިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހުއްޓުވައި ދިނުމަށް އެދި އިދިކޮޅު ޕީޕީއެމް / ޕީއެންސީން މަޖިލީހުގައި އިހުތިޖާޖު ކުރަމުން ގެންދިއުމުގެ ސަބަބުން މަޖިލީހުގެ ޖަލްސާ މިއަދު ދެ ފަހަރަށް މެދުކަނޑާލަން ޖެހިފައި ވެއެވެ.

އިދިކޮޅުން އިހުތިޖާޖެއް ފެށީ ރަސްފަރި ފަރަށް ޕެނަމާގެ އާގު ބޯޓެއް އުރުނު މައްސަލައި ބަލައި ފިޔަވަޅު އެޅުމަށް މަކުނުދޫ ދާއިރާގެ މެމްބަރު ކުއްލި މައްސަލައެއް ހުށަހެޅުއްވުމާ ގުޅިގެން ނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ރާއީ އެ މައްސަލަ ހުށަހެޅުއްވީ ރައީސް އަބްދުﷲ ޔާމީނަށް ނުހުއްގުން ހުކުމް ކުރަން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލަ ބަލަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ކުރިޔަށް ގެންދަން ހުރަސް އަޅާށެވެ.

ރާއީ ހުށަހެޅުއްވި މައްސަލައިގެ ބަހުސް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ރައީސް ޔާމީނާ ގުޅޭ މައްސަލަ ކުރިއަށް ގެންދުމަށް އެދި އިދިކޮޅުން ދިޔައީ ތަކުރާރުކޮށް އިހުތިޖާޖުކޮށް އަޑުގަދަކޮށް ބަހުސަށް ހުރަސް އަޅަމުން ނެވެ.

މީގެ ކުރިން މަޖިލީހުގައި އަޑުގަދަކޮށް ހަދާނަމަ މަޖިލީހުގެ ރިޔާސަތުން ނަން އިއްވައި އަޑު ގަދަކުރާ މީހުން ނެރެ އެެވެ. ނަމަވެސް ރިޔާސަތުގައި އަފީފް އިންނަވައިގެން އެގޮތަށް އަމަލު ކުރެއްވިތަނެއް މިއަދު ނުފެނުނެވެ. އޭގެ ބަދަލުގައި އަފީފް ހަމައެކަނި ދެއްވަމުން ދިޔައީ ނަސޭހަތެވެ.

އެހެންވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ޝަހީމް ވަނީ އަފީފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އަފީފް ބޭނުންފުޅު ނަމަ މަޖިލީހުގެ އަޑުގަދަ ކުރައަވާ މެމްބަރުންގެ ނަން ގަވައިދާ އެއްގޮތަށް އިއްވައި ބޭރަށް ނެރެވިދާނެ ކަމަށެވެ. އަަދި އެގޮތަށް އަމަލުކުރަން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އެގޮތަށް އަމަލު ކުރައްވަން އަފީފް ދެކޮޅު ހައްދަވާނަމަ ރިޔާސަތު ދޫކޮށްލެއްވުމަށް އޭނާ ގޮވާލެއްވި އެވެ.

"މަޖިލިސް ތިގޮތަށް ނުގެންދަވާ ގަވައިދާ އެއްގޮތަށް ގެންދަވާ. އެހެންނޫނީ މި ބޭފުޅުންނާއެކު [ޕީޕީއެމް / ޕީއެންސީގެ ބޭފުޅުންނާއެކު] އިންނަވާ. މި ބޭފުޅުންނާއެކު ގަޑުބަޑެއް ނުޖެއްސޭނެ މިތާކު. މި ބޭފުޅުންނާ ގުޅިގެން މި މަޖިލިސް މިއަދު ތި ހަރާބު ކުރައްވަނީ. މި ބޭފުޅުންގެ ނަން އިއްވަންވީ" ޝަހީމް ވިދާޅުވި އެވެ.