ގދ. ހޯޑެއްދޫ އާއި މަޑަވެލި ގުޅާލާފައިވާ ކޯޒްވޭގެ ހޯޑެއްދޫ ސަރަަހައްދުން ދެ ބުރި ކޮށްލައިފި އެވެ.
މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވީ އެ ކޯޒްވޭގެ ހޯޑެއްދޫއާ ވީކޮޅުން ފާލަމަށް ގެއްލުންދީ ބުރުކޮށްލީ ރޭގެ ވަގުތެއްގައި ކަމަށާއި އެކަން ކޮށްފައި ވަނީ އުދައްޔާއި ކައްޓި ފަދަ އާލާތް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވާނީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައި. ދިޔަވަރު ބޮޑުވާ ގަޑީގައި ކޯޒްވޭ ސަރަހައްދު އެއްކޮށް ބުރިވާނެ ކަމަށް ބެލެވޭ" ފިޔާޒް ވިދާޅުވި އެވެ.
މިއީ އެ ކޯޒްވޭއަށް ގެއްލުން ދީ ބުރުކޮށްލި ދެވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ވެސް ކޯޒްވޭ ބުރިކޮށްލި އެވެ.
ކޯޒްވޭއަށް ގެއްލުން ދިން އިރު އެ ކޯޒްވޭ ނަގައިދިނުމަށް ހޯޑެއްދޫ ކައުންސިލުން އޮތީ ސަރުކާރުގައި އެދިފަ އެވެ. އެހެންވެ މަޑަވެލީ ކައުންސިލުން ތުހުމަތުކުރާ ގޮތުގައި ކޯޒްވޭ ކަނޑާލި ބަޔަކު އެކަން ކުރީ ކައުންސިލުގެ ނިންމުމާ ގުޅިގެން ހިތްވަރު ލިބިގެން ނެވެ.
ކޯޒްވޭ ކަނޑާލުމާ ދެކޮޅަށް މަޑަވެލީ ކައުންސިލުން އެންމެ ކުރިއްސުރެ ވެސް ދިޔައީ ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ނެވެ. އަދި ހޯޑެއްދޫ ކައުންސިލުގެ ނިންމުން ކުށްވެރިކޮށް މަޑަވެލީ ކައުންސިލުގެ ފަސް މެމްބަރުން ވަނީ ގަރާރެއް ވެސް ނެރެފަ އެވެ.
މަޑަވެލީ ކައުންސިލުން ބުނީ ކޯޒްވޭއަކީ ދެ ރަށުގެ މަސްލަހަތު ވެސް ހިމެނޭ ތަނަކަށް ވުމާއި ދެ ރަށުގެ ދިރިއުޅުމާއި ވަޒިފާ ނިސްބަތްވާ ފަރާތްތައް ބޭނުންކުރާ ތަނަކަށް ވެފައި، ކޯޒްވޭ ދެ ރަށުގެ އިގްތިސާދަށް ވެސް ވަރަށް މުހިންމު ކަމަށެވެ.
ކޯސްވޭ ނަގަން އެދުނު ހޯޑެއްދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި ކޯޒްވޭގެ ސަބަބުން އެ ރަށަށް ރާޅު އަރައި އޭގެ ސަބަބުން އެ ރަށުގެ 6.7 ހެކްޓަރުގެ ބިމުގައިވާ ގުދުރަތީ ދިރުންތައް މަރުވެ، ބިންގަނޑަށް ބޮޑެތި ގެއްލުން ލިބިފައި ވެއެވެ. އަދި ކޯޒްވޭ ނުނެގި ދޮޅު އަހަރު ފާއިތުވެ ވެއްޖެނަމަ އެރަށުގެ ބިމުގެ 30 ޕަސަންޓަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބި ބިންގަނޑު އޮންނާނެ ކަމާ ދޭތެރޭވެސް ސުވާލު އުފެދިފައި ވެއެވެ.
ހޯޑެއްދޫ އާއި މަޑަވެލި ގުޅާލަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި މަޝްރޫއުގެ ސަބަބުން މަޑަވެއްޔާއި ހޯޑެއްދޫ އަށް ތިމާވެށީގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިހުމާލުވި ފަރާތްތަކުގެ އަތުން ބަދަލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ތެރޭގައި ފާސް ކޮށްފައިވެ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އުސޫލުތަކާއި ހިލާފަށް އަމަލު ކޮށްފައިވާކަން މަޖިލީހުގައި މައްސަލަ ދިރާސާކުރި އެންވަޔަރަންމަންޓް ކޮމިޓީގެ ރިޕޯޓްގައި ވެސް ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް އޭގެ ފަހުން އެކަމުގައި ފިޔަވަޅު އެޅުމަށް އަދި އެއްވެސް ކަމެއް ކުރިކަން އެނގިފައެއް ނުވެ އެވެ
ހޯޑެއްދޫ އާއި މަޑަވެލި ގުޅާލުމަށް ހަދާފައިވާ 440 މީޓަރުގެ ދިގު އަދި ހަތް މީޓަރު ފުޅާ ކޯޒްވޭގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ.
ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހޯޑެއްދޫއާއި މަޑަވެލި ކޯޒްވޭ އަކުން ގުޅާލާފައިވަނީ އެ ދެ ރަށުގެ މެދުގައިވާ ހާދޫ ކޔާ ފަޅު ރަށަކާ ވެސް އެކު އެވެ.
ހޯޑެއްދޫ އާއި މަޑަވެލި ކޯޒްވޭގެ ހަދާފައިވާ ގޮތާ ގުޅިގެން ދެ ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބޭތީ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ މީގެކުރިން އެ ކޯޒްވޭ ކަނޑަލާފައިވެ އެވެ. ނަމަވެސް ސަރުކާރުން އިތުރު ހަރަދުތަކެއް ކޮށްގެން ކޯޒްވޭ ފަހުން އަލުން ގުޅާލި އެވެ. ފަހުން ކުރި މަސައްކަތާ އެކު އެ މަޝްރޫއަށް ދައުލަތުން ކުރި ހަރަދު ވަނީ 31 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކޯޒްވޭ ކަނޑާލާފައި ވަނިކޮށް އަލުން ކޯޒްވޭ ގުޅާލުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުން ވެސް މަޖިލީހުގެ ބައެއް މެންބަރުން ފާޑު ވިދާޅުވެފައިވެ އެވެ.