ޖޭއެސްސީ

ގާޒީންނަށް ނުފޫޒު ފޯރުވި މައްސަލަ ބަލަން ކޮމެޓީއެއް

Aug 30, 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ގާޒީންނަށް ނުފޫޒު ފޯރުވާފައިވާ މައްސަލަ ތަހުގީގުކުރުމަށް ކޮމިޓީއެއް އެކުލަވާލައި ތަހުގީގު ފަށައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ރައީސް ޔާމީނަށް ހުކުމްކުރި ބެންޗުގައި ތިއްބެވި ގާޒީންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް އެ ކޮމިޝަނުގައި ކުއްލި ޖަލްސާއެއް ބޭއްވި ކަމަށެވެ. އެ ޖަލްސާގައި މައްސަލަ ތަހުގީގުކުރުމަށް ކޮމިޓީއެއް އެކުލަވާލައި މިހާރު ތަހުގީގު ފަށައިފައިވާ ކަމަށް ބުންޏެވެ.

ޖޭއެސްސީ އިން ބުނީ މި މައްސަލައާއި ގުޅޭ ތަހުގީގަށް ރައީސް ޔާމީނަށް ހުކުމްކުރި ބެންޗުގައި ހިމެނޭ ގާޒީންނާ މިއަދު ސުވާލު ކުރާނެ ކަމަށެވެ.

މި މައްސަލަ ޖޭއެސްސީ އިން ބަލަން ނިންމާފައި ވަނީ ރައީސް ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގައި އެ ހުކުމް ކުރި ފަނޑީޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން ހުކުމާ ގުޅޭ ގޮތުން ދައްކަވާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކްވުމާ ގުޅިގެނެވެ.

ލީކުވި އޯޑިއޯއެއްގައި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ބަޔަކު ރަހީނު ކުރުމުން ކަމަށެވެ. އަދި ރަހީނު ކުރީ އޭނާ ނޫން ކަމަށާއި އަންހެނުން ކަމަށް ނުސީދާ ގޮތަކަށް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އެ ބެންޗުގައި ތިއްބެވި ގާޒީ އަލީ އާދަމް އާއި މުހައްމަދު ސަމީރުގެ އޯޑިއޯއެއް ވެސް ވަނީ ލީކުވެފަ އެވެ. ގާޒީ އަލީގެ އޯޑިއޯގައި، ރައީސް ޔާމީނަށް އިއްވި ހުކުމްގައި އޮތް އެއްޗެއްވެސް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އެވެ. އަދި މައްސަލަ ހިންގެވި ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަމުން ދިޔައިރު ފުރަތަމަ މައްސަލަ ބެއްލެވީ ފަނޑިޔާރު އަހުމަދު ހައިލަމެވެ. ނަމަވެސް ހުކުމް ކުރަން ތިން ގަޑިއިރަށް ވެފައި ވަނިކޮށް ހައިލަމް ސަސްޕެންޑްކުރީ އެވެ.

ފަހުން އެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކުރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަހުމަދު ސަމީރާއި ގާޒީ ހުސެއިން ފާއިޒު ރަޝީދާއި އަދި ގާޒީ އަލީ އާދަމެވެ.