ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ކުރައްވާފައިވާ ތުހުމަތުތަކަށް ސަރުކާރުން ޖަވާބުދާރީވާންޖެހޭ ކަމަށް ގާނޫނީ ވަކީލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުގެ ވެރިން މަސައްކަތް ކުރެއްވި ކަމަށް ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކުރުމުން ދިފާއުގައި ނެރުނު ބަޔާނެއްގައެވެ. ހައިލަމްގެ އެ ތުހުމަތުތަކާއި ގުޅިގެން ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކުރިން ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ ހުސައިން ޝަމީމް ވިދާޅުވީ ހައިލަމަށް ސަރުކާރުގެ "އިސް ފަރާތަކުން" ގުޅި ކަމަށް ވިދާޅުވާއިރު "އިސް ފަރާތުން" ވެސް އަދި ސަރުކާރަކުން ވެސް އެކަމަކަށް އަދި އިންކާރު ކޮށްފައިނުވާ ކަމަށެވެ.
"ނުގުޅާނަމަ، އެ ވާހަކަ އެބަ ބުނަންޖެހޭ! އެހެން ނޫނީ، ނުބައެއް އުޅެޔޭ ހިވާގޮތް އެބަ ވޭ." ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ހައިލަމްގެ އެ ތުހުމަތުތަކަށް ސަރުކާރުން ޖަވާބުދޭން ޖެހޭ ކަމަށެވެ. އަދި ހައިލަމްގެ ވާހަކަތަކަކީ އަސާސެއް ނެތް ދޮގު ވާހަކަތަކަށްވެސް ވެދާނެ ކަމަށް ވިދާޅުވިއެވެ.
"ގުޅި މީހާއަށް ކެރޭނެބާ ޒިންމާ އުފުލަން؟." ހައިލަމްގެ ތުހުމަތުތައް އަމާޒުވާ ފަރާތަށް އިޝާރަތްކުރައްވާ ޝަމީމް ސުވާލު ކުރައްވާފައިވެއެވެ.
ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ސަރުކާރުގެ އިސް ބޭފުޅުން އެންމެ ބޮޑަށް ކުރެއްވީ މި މަހުގެ ތިންވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ކަމަށެވެ. ހުކުމް އިއްވުމުގެ އަޑުއެހުން އޭރު އޮތީ ފަސް ވަނަ ދުވަހަށް ތާވަލްކޮށްފައެވެ.
"ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުން، އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާންއާއެކު ހިނގި ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބަ އޮތްކަމާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރު ވެސް ދިން، އަދި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދިން،" ހައިލަމް ވިދާޅުވެފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުގެ ވެރިން މަސައްކަތް ކުރެއްވި ކަމަށް ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވުމުން އެ މައްސަލަ ސީރިއަސްކޮށް ބަލަންޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްވެސް ވަނީ ވިދާޅުވެފައެވެ.
ކުރިން ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމުވެސް ފުރުއްވާފައިވާ އުޝާމް ވިދާޅުވީ އެހާ ޔަގީން ކަމާއެކު ފަނޑިޔާރަކު އެ ފަދަ ވާހަކައެއް ވިދާޅުވާނީ ކޮންމެވެސް ކަންތައްތަކެއް ހިނގާފައިވާތީ ކަމަށެވެ.
އަދި މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ނެރުއްވި ބަޔާނުން ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒް ފޯރުވިކަން ސާބިތުވެއްޖެ ކަމަށް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފައެވެ.