ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ހާއްސަ ޖަލްސާއެއް އަންނަ ހުކުރު ދުވަހު އޮންނާނެ ކަމަށް އެކޯލިޝަނުން އިއުލާނުކޮށްފި އެވެ.
އިދިކޮޅު ކޯލިޝަނުން އަންނަ ހުކުރު ދުވަހު ބާއްވާ "އައްޑަނަ" ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ކާނިވާ ސަރަހައްދުގަ އެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހުޅުމާލެ ކައުންސިލަރު އިބްރާހިމް ސުޖާއު ވިދާޅުވީ ޖަލްސާއަށް "އައްޑަނަ" ކިޔާފައި ވަނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ގެއްލި، އިސްލާމް ދީނަށް ފުރައްސާރަކޮށް، އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް މި ސަރުކާރުން އަތްބާނާފައިވާތީ ކަމަށެވެ. އަދި ފްލެޓްތަކަށް ނުވަދެވި ގިނަ ރައްޔިތުންގެ ފްލެޓް މި ސަރުކާރުން ފޭރިފައިވާތީ އާއި އަދި ވެސް މިފަދަ ބައިވަރު ކަންބޮޑުވުންތަކާ ގުޅިގެން ކަމަށެވެ.
ޖަލްސާގެ ބޭނުމަކީ މި ކަންބޮޑުވުންތައް ސަރުކާރަށް ތިލަކޮށްދިނުން ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ. ޖަލްސާގައި ހާއްސަ ކަންތަކެއް ހިނގާނެ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ. ނަމަވެސް އެކަންތައްތަކުގެ ތަފްސީލު ދެއްވާފައެއް ނުވެ އެވެ.
ސުޖާއު ވިދާޅުވީ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ހޯދުމަށް މިހާރު އެދިފައިވާނެ ކަމަށާއި ކޮވިޑާއި ގުޅިގެން މިހާރު ޖަލްސާތައް ބޭއްވުމަށް ހުރަހެއް ނެތް ކަމަށެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖަލްސާގައި ބައިވެރިވުމަށް ފުރުސަތު އޮތް ކަމަށާއި ނަމަވެސް ކޯލިޝަނަށް ތާއީދު ކުރާ ރަށްރަށުގެ މީހުން މާލެ އަންނަން ބާރު ނާޅާނެ ކަމަށް ވިދާޅުވި އެވެ. އަދިވެސް ކޮވިޑް އޮތުމުން ޖަލްސާ ކުރިއަށް ގެންދާނީ ގައިދުރުކޮށްގެންނެވެ.
އިދިކޮޅުން ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު ރައީސް އަބްދުﷲ ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގެ ބައެއް ފަނޑިޔާރުންނަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާކަމަށް ބުނާ އޯޑިއޯތަކެއް ވަނީ ލީކުވެފަ އެވެ. ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މިކަމާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަނީ އިހުތިޖާޖްކޮށްފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވަން ވެސް ވަޑައިގަތެވެ. ނަމަވެސް ރައީސް އާއި ވަނީ ބައްދަލުވެވޭ ގޮތް ނުވެފަ އެވެ.