ޑރ. މުހައްމަދު ޖަމީލް އަހުމަދު

މިހާރު މި އޮތީ ސުޕްރީމް ކޯޓަށް ދިމާވާނެ އެންމެ ބޮޑު އިމްތިހާނު: ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ މައްސަލަ ބެއްލެވި ކަމަށް ބުނާ ތިން ފަނޑިޔާރުން ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ އާންމުވުމާއި ގުޅިގެން ސުޕްރީމް ކޯޓުން އިސްވެ ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާ ކަމަށް ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ފަނޑިޔާރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި އިންނެވި ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިހާރު ވަނީ އާންމުވެފަ އެވެ. އެ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފަ އެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޖަމީލް ވިދާޅުވީ ފަނޑިޔާރުންގެ އެ ވާހަކަތަކުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ބާތިލު ހުކުމެއް ކަން ސާފުވެއްޖެ ކަމަށެވެ. އަދި މިއީ ސުޕްރީމް ކޯޓުން އިސްވެ ހަރަކާތްތެރިވާން ޖެހިވަޑައިގަންނަވާނެ މައްސަލައެއް ކަމަށެވެ.

ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓަށް މި ފަހުން އައި ބަދަލަކީ މިނިވަން ޝަރުއީ ނިޒާމަކަށް މަގު ފަހި ކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެވުނު ކަމަށާ އެއީ ކިހާވަރެއްގެ ބުރަދަން ހުރި ވާހަކައެއްކަން ސާބިތުކޮށްދޭން ސުޕްރީމް ކޯޓަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ މިއީ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް އިސްވެ މަސައްކަތް ކުރުމުގެ ޒިންމާ އޮތީ ސުޕްރީމް ކޯޓަށެވެ. އެހެން ކަމުން އާންމުވެފައިވާ އޯޑިއޯތަކާއި ގުޅިގެން އެ ކޯޓުން ހާއްސަ ފިޔަވަޅެއް އަޅުއްވާ އަމުރުތަކެއް ނެރުއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"މިހާރު މި އޯޑިއޯތަކުގެ އަލީގައި ހަގީގަތުގައި ސުޕްރީމް ކޯޓް އެބަޖެހޭ ހަރަކާތްތެރިވާން އިނގޭތޯ. މިއަދު ދިމާވެގެން މި އުޅޭ މައްސަލައަކީ ކުޑަ މައްސަލައެއް ކަމަށް ހީކޮށްގެން ނުވާނެ. ކޮންމެހެން ރައީސް އަބްދުﷲ ޔާމީނަށް ދިމާވި މައްސަލައަކަށް ވެގެނެއް ނޫން މައްސަލައަކަށް ވަނީއެއް. މި މައްސަލައަކީ، ދިވެހިރާއްޖޭގައި އަޅުގަނޑުމެން މި ގެނައި މުސްތަގިއްލު ނިޒާމޭ ކިޔައިގެން ވަކި ފަރާތަކަށް ނުޖެހޭ ނިޒާމެކޭ ކިޔައިގެން، ދިވެހިރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު ހޭދަތަކެއް ކޮށްގެން ރާއްޖޭގައި މިނިވަން މުސްތަގިއްލު ނިޒާމެއް ކަނޑައެޅީ ބޮޑު ހަރަދުކޮށްގެން. މި ހުރިހާ ހަރަދެއް މިކުރަނީ އެންމެ ކަމަކަށްޓަކައި. އެއީ މިނިވަން މުސްތަގިއްލު ޝަރުއީ ނިޒާމެއް ދެމެހެއްޓުމަށްޓަކައި. އެ މަސްއޫލިއްޔަތު އޮތީ ސުޕްރީމް ކޯޓަށް،" ކުރީން އިސް ގާޒީ ކަމާއި ޖަސްޓިސް މިނިސްޓަރުކަންވެސް ކުރެއްވި ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ފަނޑިޔާރުންގެ އޯޑިއޯތަކާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލުވުމުގެ އިތުރުން މި މައްސަލައަކީ ދެން ނުވެސް ބެލޭނެ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.