ދުންޔާ މައުމޫން

ދުންޔާ މައުމޫން، އެމްއެންޕީއާ ގުޅިވަޑައިގަންނަވަނީ

ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫންގެ ދޮށީ ދަރިކަނބަލުން ދުންޔާ މައުމޫން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަތުމަށް ނިންމަވާ އެކަން އިއުލާނު ކުރައްވައިފި އެވެ.

ސިޔާސީ ހަރަކާތެއް ކަމަށްވާ "ދިވެހި ނެޝަނަލް އެކްޝަން" ގައި އިސްކޮށް ހުންނެވި ދުންޔާ މިކަން ހާމަކުރައްވާފައިވަނީ ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. އެކަމަނާ ވިދާޅުވީ އެމްއެންޕީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފި ކަމަށެވެ.

އަދި އެ ޕާޓީއަކީ ސިޔާސީ މައިދާނަށް މުހިންމު ދައުރެއް އޮތް ހުރިހާ އެންމެނަށްވެސް ހުޅުވިފައިވާ ޕާޓީއެއް ކަމަށެވެ. އެމްއެންޕީއާ ގުޅިވަޑައިގަތުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ގައުމަށް ހިދުމަތް ކުރުން ކަމަށާ އަދި ރާއްޖޭގައި ހަމަހަމަ ހާރިޖީ ސިޔާސަތެއް ބޭއްވެވުން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ވަރަށް މުހިންމު ދައުރެއް އެބައޮތް. އަދި ހުޅުވިފައިވާ ފުރުސަތުތަކެއް ހުރިހާ ބޭފުޅުންނަށްވެސް މި ޕާޓީތެރޭގައި އެބައޮތް. މިހާތަނަށް އަޅުގަނޑަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ ބޭނުން ކުރަން އަޅުގަނޑު ބޭނުންވޭ، ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި. ހާއްސަކޮށް ބެލެންސް ފޮރިން ޕޮލިސީއެއް ރާއްޖޭގައި އޮތުމަަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ކަމެއް،" ދުންޔާގެ މެސެޖްގައި ވިދާޅުވިއެވެ.

ދުންޔާގެ މި ނިންމުން އައިއިރު ދިވެހި ނެޝެނަލް އެކްޝަން (ޑީއެންއޭ) އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނުވަތަ އިންތިހާބުގައި ވާދަކުރާ އެ ހަރަކާތުގެ ސިޔާސަތުތައް ގަބޫލުކުރާ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ވަނީ ނިންމާފައެވެ.

ދުންޔާ، އެމްއެންޕީއާ ގުޅިވަޑައިގަތުމަށް ނިންމެވުމާއި ގުޅިގެން އެ ޕާޓީގެ ފައުންޑާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ދުންޔާ ގުޅިވަޑައިގަތުމަކީ އެމްއެންޕީއަށް ލިބޭ ކުރިއެރުމަށް ކަމަށް ވިދާޅުވިއެވެ. އެ ޕާޓީއަކީ އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދީ އަންހެނުންގެ ހިއްސާ ހޯދާ ދިނުމަށް ބާރު އަޅާ އަދި އަންހެނުންނަށް ފުރުސަތު އޮތް ޕާޓީއެއް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ދުންޔާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު ރައީސް މައުމޫން އިސްވެ އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއެވެ. އޭގެ ފަހުން ރައީސް މައުމޫން އުފެއްދެވި ދެވަނަ ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގަތެވެ.