މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީ އިންތިހާބު: ޝިދާތާ އާއި ދުންޔާ ހޮވިއްޖެ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ މަތި އުތުރު ރީޖަންގެ ނާއިބު ރައީސް ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އާއި އަންހެނުންގެ ވިންގުގެ ލީޑަރު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިންތިހާބުކޮށްފި އެވެ.

އެމްއެންޕީ އުފެއްދުމަށް މިއަދު ބާއްވަމުންދާ ބައްދަލްވުމުގައި ޕާޓީގެ އިންޓަރިމް އެގްޒެކްޓިވް ކައުންސިލަށް މެންބަރުން ވަނީ އިންތިހާބުކޮށްފައެވެ. މިއަދު ކުރިއަށް ގެންގޮސްފައިވަނީ މަތި އުތުރު ރީޖަންގެ ނާއިބު ރައީސް ހޮވުމާއި އަންހުންނަށް ހާއްސަކޮށްފައިވާ ނާއިބު ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމާއި އަންހެނުންގެ ވިންގުގެ ލީޑަރު ހޮވުމާއި ޒުވާނުންގެ ވިންގުގެ ލީޑަރު ގޮވުމުގެ އިތުރުން ކައުންސިލްގެ މެންބަރު ކަމަށް 14 މެންބަރަކު ހޮވުން އަދި ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް މެންބަރުން ހޮވުމެވެ.


މަތި އުތުރު ރީޖަންގެ ނާއިބު ރައީސް ކަމަށް ކުރިމަތިލެއްވީ ޓީވީ ޕްރެޒެންޓަރު އަހުމަދު އަނޫޝް އާއި ކުރީގެ މިނިސްޓަރު ޝިދާތާ ޝަރީފް އާއި މުހައްމަދު ސައީދެވެ. 276 މެންބަރުން ވޯޓްލީ އިންތިހާބުގައި ޝިދާތާއަށް 136 މެންބަރުންގެ ވޯޓް ލިބުނެވެ. އަނޫޝް އަށް 118 ވޯޓް އަދި މުހައްމަދު ސައީދަށް 21 ވޯޓް ލިބިފައިވެއެވެ.

އެމްއެންޕީގައި ހަ ނާއިބު ރައީސުން ތިއްބަވައެވެ. އިންތިހާބެއް ނެތި ހަތަރު ނާއިބު ރައީސުން ވަނީ ހޮވިފައެވެ.

އެއީ އުތުރު ރީޖަންގެ ނާއިބު ރައީސަކަށް ހުސައިން އިސްމާއީލް އާއި މެދު ރީޖަންގެ ނާއިބު ރައީސަކަށް އަހުމަދު އުޝާމް އާއި މެދު ދެކެނު ރީޖަންގެ ނާއިބު ރައީސަކަށް އަބްދުﷲ ރިޔާޒު އާއި ދެކުނު ރީޖަން އަށް އަހުމަދު ޝަރީފެވެ.

އަންހެނުނަށް ހާއްސަކުރި މަގާމަށް ދެ ބޭފުޅަކު ކުރިމަތި ލެއްވިއެވެ. އެއީ މިރްފަތު އިސްމާއީލް ޝަފީގް އާއި އާއިޝަތު ހުސައިން މަނިކެވެ. މިރުފަތަށް 203 ވޯޓް ލިބުނުއިރު އައިޝަތު ހުސައިން މަނިކަށް ލިބިފައިވަނީ 45 ވޯޓެވެ. މި އިންތިހާބުގައި 248 ވޯޓް ގުނާފައިވެއެވެ.

އަންހެނުންގެ ވިންގުގެ ލީޑަރަކަށް އިންތިހާބުވީ ކުރީގެ މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫނެވެ. ދުންޔާއަށް 207 ވޯޓް ލިބިފައިވާއިރު އޭނާއާ ވާދަކުރި އައިޝަތު އަބްދުﷲ އަށް 43 ވޯޓް އަދި އާއިޝަތު ހުސައިން މަނިކަށް 11 ވޯޓް ލިބިފައިވެއެވެ.

ޒުވާނުންގެ ވިންގުގެ ލީޑަރަކަށް ތިން މެންބަރަކު ވާދަކުރި އެވެ. އެއީ އުމައިރު އަހުމަދު އާއި އިރުފާން އަބްދުﷲ އާއި މުހައްމަދު އިސާމް އަބްދުﷲ އިބްރާހިމެވެ.

އުމައިރު އިންތިހާބު ކާމިޔާބު ކުރީ 143 ވޯޓުންނެވެ. އިރުފާނަށް 29 ވޯޓް އަދި އިސާމް އަށް 85 ވޯޓް ލިބިފައިވެއެވެ.

ކައުންސިލްގެ މެންބަރު ކަމަށް 14 މެންބަރަކު ހޮވުން އަދި ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް މެންބަރު ހޮވާފައިވެއެވެ. ކައުންސިލްގެ 14 ގޮނޑިއަށް 26 މެންބަރަކު އަދި ކައުންސިލްގައި އަންހެނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް 11 މެންބަރަކު ކުރިމަތިލިއެވެ.