މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސުންގެ މަގާމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކުރިމަތިލައްވައިފި އެވެ.
ހުކުރު ދުވަހު އޮންނަ އެމްއެންޕީ އުފެއްދުމަށް ބާއްވާ ޖަލްސާގައި އިންތިހާބު ކުރަންޖެހޭ އެމްއެންޕީގެ އިންޓެރިމް އެގްޒެކެޓިވް ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެމްއެންޕީގެ ވަގުތީ އިންޓެރިމް އެގްޒެކެޓިވް ކައުންސިލަށް އިންތިހާބުކުރުމަށް ހަމަޖެހިފައިވާ މަގާމުތަކަކީ ޕާޓީގެ ރައީސްގެ މަގާމާއި ނާއިބު ރައީސުންގެ މަގާމަށް ހަ ބޭފުޅަކު އަންހެނުންގެ ވިންގުގެ ލީޑަރު އަދި ޒުވާނުންގެ ވިންގުގެ ލީޑަރުގެ އިތުރުން ކައުންސިލަށް 21 މެންބަރުންނެވެ. ނާއިބު ރައީސުންގެ އެއް މަގާމު ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. އަދި ކައުންސިލްގެ ހަތް ގޮޑިވެސް ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.
ރިޔާޒު ކުރިމަތިލައްވާފައިވަނީ ޕާޓީގެ ނާއިބު ރައީސް (މެދު ދެކުނު) ގެ މަގާމަށެވެ. ރިޔާޒު ވަނީ ހުކުރު ދުވަހު އޮންނަ އިންތިހާބުގައި ޕާޓީގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގަންނަވާފައެވެ.
ދުންޔާ ކުރިމަތިލެއްވެވީ އަންހެނުންނަށް ހާއްސަކޮށްފައިވާ ނާއިބު ރައީސްގެ މަގާމަށެވެ. ދުންޔާވެސް ވަނީ އާންމު މެންބަރުންގެ ތާއިދަށް އެދިވަޑައިގެންފައެވެ.
އެމްއެންޕީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުގެ ފުރަތަމަ ދަންފަޅި އެ ދުވަހުގެ މެންދުރު ދެއަކުން ހަޔަކަށް އަދި ރޭގަނޑު ނުވަޔަކުން ފެށިގެން ދެވަނަ ދަންފަޅި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި ޕާޓީގެ ނަމާއި ލޯގޯ އާއި ދިދަ އަދި ކުލަ ފާސްކުރުން އޮންނާނެއެވެ. އޭގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އިންޓެރިމް އެގްޒެކެޓިވް ކައުންސިލްގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.