ދުންޔާ މައުމޫން

ނާޒިމަށް އިތުބާރު އެބައޮތް، އެއީ ރަނގަޅު ކެންޑިޑޭޓް: ދުންޔާ

މިވަގުތު އޮތް އެންމެ ބޮޑު ދެ ސިޔާސީ ޕާޓީއަށްވެސް ސަރުކާރު ހިންގުމުގެ ފުރުސަތު ރައްޔިތުން ދީފައިވާ ކަމަށާ ނަމަވެސް ރައްޔިތުން އުންމީދުކުރި މިންވަރާއި ގާތަށްވެސް މަސައްކަތް ކުރެވިފައިނުވާތީ މިއީ އައު ބަދަލެއް ގެންނަން ޖެހޭ ވަގުތު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އަވަސްގެ ޓޯކް ޝޯ "ސުވާލަަކަށް ފަހު ސުވާލެއް" ގައި ބައިވެރިވެވަޑައިގެން ދުންޔާ ވަނީ އެމްއެންޕީއާ ގުޅިވަޑައިގެންނެވި ސަބަބުތަކާއި ރާއްޖޭގެ ސިޔާސީ ހާލަތާމެދު ވާހަކަ ދައްކަވާފައެވެ. ދުންޔާ ވިދާޅުވީ އެމްޑީޕީއަށް ދެ ފަހަރު އަދި ޕީޕީއެމަށް އެއްފަހަރު ސަރުކާރު ހިންގުމުގެ ފުރުސަތު ރައްޔިތުން ދިން ނަމަވެސް ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދެވިފައިނުވާ ކަމަށެވެ. އެހެން ކަމުން މިއީ ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސް ދިނުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާނެ ބަޔަކަށް ފުރުސަތު ދޭންވީ ވަގުތު ކަމަށެވެ.

"މިހާރު މި އޮތް އެންމެ ބޮޑު ދެ ޕާޓީއަށް ސަރުކާރު ހިންގަން ރައްޔިތުން ފުރުސަތު ދީފި. އަދި އެމްޑީޕީއަށް މި ލިބުނީ ދެވަނަ ފަހަރަށް. އަދި ޕީޕީއެމަށްވެސް އެ ފުރުސަތު ލިބިއްޖެ. ނަމަވެސް ރައްޔިތުން އެދޭ މިންވަރާއި ގާތަށްވެސް އެ ބޭފުޅުންނަށް މަސައްކަތް ކުރެވިފައެއް ނުވޭ. އަޅުގަނޑުގެ ނަޒަރުގައި ބައެއް ކަންކަން ކުރެވުނު، ހިދުމަތްތަކެއްވެސް ކުރެވުނު. ނަމަވެސް ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދާ ނުދެވުނު. މިސާލަކަށް ކޮރަޕްޝަން، އަދުލްއިންސާފުގެ ނިޒާމު އަދި ހަމަހަމަކޮށް ރައްޔިތުންނަށް ފުރުސަތު ދިނުން. މިއިން އެއްވެސް ކަމެއް ހާސިލުކުރެވުނު މަންޒަރެއް ނުފެނޭ. އެހެންވީމަ މިއީ ރައްޔިތުން ބަލައިގަންނަ އައު ބަޔަކު، ހާއްސަކޮށް ރައްޔިތުންނަށް ތެދުވެރި އިހުލާސްތެރި ބަޔަކު އެބަ ބޭނުންވޭ،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްވެ ފައްޓަވާފައިވާ ސިޔާސީ މަަސައްކަތަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށެވެ. އަދި އެއީ ގައުމާއި ރައްޔިތުންނަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާނެ ބޭފުޅަކަށް ވެވަޑައިގަންނަވާނެ ކަމަށެވެ. 2023ގެ އިންތިހާބުގައި ރައްޔިތުންނަށް ލިބޭނެ އެންމެ ރަނގަޅު އެއް ޗޮއިސްއަކީވެސް އެއީ ކަމަށް ވިދާޅުވިއެވެ.

އަދި ނާޒިމަކީ ގިނަ ބަޔަކު ގޮވައިގެން އެކުގައި މަސައްކަތް ކުރެއްވޭނެ ލީޑަރެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ކާނަލް ނާޒިމް ފާހަގަކުރެވެނީ ވަރަށް ރަނގަޅު ލީޑަރެއްގެ ގޮތުގައި. އަޅުގަނޑުމެން ސަރުކާރުގައި މަސައްކަތްކުރިއިރު ވޯޓާ ކްރައިސިސްގައި ވަރަށް އެކުގައި މަސައްކަތް ކުރީން. އަދި ސުކޫލު ދައުރުން ފެށިގެންވެސް ނާޒިމް އާއި އަނބިކަނބަލުންނާވެސް ރަހުމަތްތެރިކަން އޮވޭ. އެހެންވީމަ މިހާތަނަށް މި ފެންނަނީ ރައްޔިތުންގެ ވަރަށް ބޮޑު އިތުބާރެއް އޮތް އަދި ސިފައިންގެ ހިދުމަތުގައި ކުރެއްވި މަސައްކަތުން ވަރަށް ގިނަ ބައެއްގެ އިތުބާރު އޮތް ބޭފުޅެއްގެ ގޮތުގައި. އެހެންވީމަ އެއީ ވަރަށް ރަނގަޅު ކެނޑިޑޭޓެއް. ތަޖުރިބާހުރި ތައުލީމު ހުރި އަދި ގިނަ ބަޔަކު ގޮވައިގެން އުޅެވޭނެ ވަރުގެ ބޭފުޅެއް އެއީ،"

ދުންޔާ ވިދާޅުވީ އެމްއެންޕީއާ ގުޅިވަޑައިގެންނެވީ ރައީސް މައުމޫންގެ ފަރާތްޕުޅުން ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އާއިލީ ބޭފުޅުން އެކި ޕާޓީތަކުގައި ތިއްބެވުމަކީ މައްސަލައެއް ނޫން ކަމަށާ އެ ކަމަށް އިހުތިރާމު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގެ ހުރިހާ އާއިލާތަކެއްގެވެސް މިއަދުގެ ހާލަތު ކަމަށް ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އެމްއެންޕީއާ ގުޅިވަޑައިގަތުމަކީ އަމިއްލަ ނިންމުމެއް ކަމަށާ ގައުމަށް ބޭނުންވަނީ މުޅިން އައު ލީޑާޝިޕެއް ކަމުން އެ ޕާޓީއަކީ އެކަމަށް އޮތް އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ.

"ޕާޓީއާ ގުޅުމަކީ ވަކި މީހެއްގެ ވިސްނުމަށް ނިންމި ނިންމުމެއް ނޫން. މިއީ އަޅުގަނޑުގެ އަމިއްލަ ނިންމުމެއް. އަޅުގަނޑުގެ ނަޒަރުގައި މި ގައުމަށް ބޭނުންވަނީ އައު ލީޑާޝިޕެއް އައު ވިސްނުމެއް. އެ ގޮތުގައި ކުރިއަށްދާން އަޅުގަނޑު މި ހުރީ ތައްޔާރަށް،"

ދުންޔާ ވިދާޅުވީ ރާއްޖެ އަނެއްކާވެސް ބަދަލަކަށް ބޭނުންވާ ކަމަށެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކުރިމަތިވި އަނިޔާވެރިކަމާއި ގުޅިގެން ރައްޔިތުން ގެނައި ބަދަލާމެެދު ހިތްހަމަނުޖެހޭ މީހުން މިއަދު ވަރަށް ގިނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު އޮތް ކޯލިޝަން ސަރުކާރަށް ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ހިދުމަތް ނުދެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ހާއްސަކޮށް ދައުލަތުގެ ހުރިހާ ބާރެއް ލިބި ނަތީޖާ ނެރެވިފައި ނެތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.

"ރާއްޖެއަށް ބޭނުންވަނީ މުޅިން އައު ޑިމޮކްރަޓިކް ޕާޓީއެއް،" އެމްއެންޕީއާއެކު ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާ ދުންޔާ ވިދާޅުވިއެވެ.