އަލްހާން ފަހުމީ

އެމްޑީޕީން އަލްހާން ވަކިކުރި މައްސަލަ ބަލައިދޭން އެދިއްްޖެ

ދެހާސްސޯޅަ ވަނަ އަހަރު އެމްޑީޕީން، އެ ޕާޓީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވަކިކުރި މައްސަލަ ބަލައި ދިނުމަށް އޭނާ އެދިއްޖެ އެވެ.

އަލްހާން އެމްޑީޕީން ވަކިކުރި މައްސަލަ ބަލައި ދިނުމަށް އޭނާ އެދިފައި މިވަނީ ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހުގެ އައު ދައުރަށް މެންބަރުން އިންތިހާބު ކުރުމާއި ގުޅިގެންނެވެ. ރޭ ބޭއްވި އިންތިހާބުގައި އެ މަޖިލީހަށް ހޮވިފައި ވަނީ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު ލިބިވަޑައިގެން ކެންޑިޑޭޓުންނެވެ. އެ މަޖިލީސް ހިމެނެނީ ނުވަ މެންބަރުންގެ މައްޗަށެވެ. އިންތިހާބަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނުވަ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާފަ އެވެ. ދެން ވާދަ ކުރެއްވީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތް ނުވަ ކެންޑިޑޭޓުންނެވެ.

އަލްހާން ޕާޓީން ވަކިކުރި މައްސަލައާ ގުޅިގެން އޮކްޓޫބަރު 31، 2016 ގައި އޭނާ ވަނީ އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށައަޅުއްވާފަ އެވެ. އަދި އޭރު އެދިވަޑައިގެންނެވީ އަވަހަށް މައްސަލަ ނިންމަވައިދެއްވުމަށެވެ. އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން އަލްހާން ވަކިކުރަން ނިންމީ އޮކްޓޫބަރު 27، 2016 ގައެވެ.

އަލްހާން ވަނީ އަލަށް އިންތިހާބު ކުރެވުނު އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރުންނަށް މަރުހަބާ ކިޔާފަ އެވެ. އަދި މީގެ ފަސް އަހަރު ކުރީން އޭނާ ހުށައެޅި މައްސަލަ އަދިވެސް އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހުގައި އޮތުމުން އަވަހަށް އެ މައްސަލަ ބަލައިދިނުމަށް އެދިފައެވެ.

އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ އަހުމަދު ރިޝްވާން އާއި ފާތިމަތު އިނާޝާ އާއި ހުސައިން ރަޝީދު އާއި އިބްރާހިމް މުހައްމަދު ދީދީ އާއި އަހުމަދު މައުރޫފް އާއި ނައުޝާދު އަބްދުލް އަޒީޒާއި އަހުމަދު ނިޝާދު އާއި އާދަމް މާހިރު އަދި އަނަސް އަބްދުއްސައްތާރެވެ.

ރިޝްވާނަށް 71 ވޯޓް ލިބިފައިވާއިރު އިނާޝާއަށް ލިބިފައިވަނީ 66 ވޯޓެވެ. ހުސައިން ރަޝީދަށް 66 ވޯޓް އަދި އިބްރާހިމް މުހައްމަދު ދީދީއަށް 67 ވޯޓް ލިބިފައިވެއެވެ. މައުރޫފަށް 67 ވޯޓް ލިބުނުއިރު ނައުޝާދަށް 63 ވޯޓް އަދި ނިޝާދުއަށް 64 ވޯޓް ލިބިފައިވެއެވެ. އާދަމް މާހިރަށް 66 ވޯޓް އަދި އަނަސްއަށް 76 ވޯޓް ވަނީ ލިބިފައެވެ.

މި އިންތިހާބުގައި ދެން ވާދަކޮށްފައިވަނީ އަމީން ފައިސަލް އާއި ފާތިމަތު ޝަހީދާ އާއި އަހުމަދު ޒުހައިރު އާއި ސޫޒަން އިބްރާހިމް އާއި އަހުމަދު އަފްރާހް އާއި ފަޞާހް އަހުމަދު އާއި މުހައްމަދު ކަމާލް އާއި ހަސަން ޒާހިރު އާއި އަބްދުލް މަޖީދު ޝަމީމެވެ.

އިންތިހާބުގައި ހަތަރު ވޯޓް ބާތިލު ވޯޓްގެ ގޮތުގައި ގުނާފައިވެއެވެ. ޖުމްލަ ވޯޓްގެ އަދަދަކީ 1036 އެވެ. ވޯޓްލީ 120 މެންބަރުންނެވެ. އަދި ނުލާ ވޯޓްގެ އަދަދަކީ އަށެކެވެ.