އަލީ އާޒިމް

އާޒިމް ބަދަލުވެއްޖެ، ވިދާޅުވީ ހައްލަކީ ބަރުލަމާނީ ކަމަށް

ހައްލަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވެ ތާއީދު ކުރައްވަނީ އެ ނިޒާމަށް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވެފައިވަނީ ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ކަމަށް ބުނާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ރައީސް ނަޝީދަށް ވަފާތެރި މެންބަރުން ޕެޓިޝަނެއް ހަދަމުންދާ ދަނޑިވަޅުގައެވެ.

ރައީސް ނަޝީދުގެ ވަފާތެރި މެންބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު މި ފަހުން އަލީ އާޒިމް ފާހަގަކުރެވުނީ ރައީސް ސޯލިހަށް ވަފާތެރި މެންބަރެއްގެ ގޮތުގައެވެ. ރައީސްގެ ކެބިނެޓް މިނިސްޓަރުންނާއި ގުޅޭގޮތުން މީގެ ކުރީން އާޒިމް ދެއްކެވި ވާހަކަތަކުގެ ރާގުވެސް ބަދަލު ކުރައްވާ ވާހަކަ ދެއްކެވިއެވެ.

މިރޭ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަނަވަރު ފެތޭއިރުވެސް ބެރުޖަހަޖަހާ ތިބި މީހުން ތިބީ ބެރުޖަހަޖަހާ" ކަމަށެވެ. އަދި "ކެޕްޓަން ބަހަނާ ނުދައްކާ ހުންނާނީ ބާ" މިހެން ލިޔުއްވާ ސުވާލު ކުރައްވާފައިވެއެވެ. އޭގެ ފަހުން ލިޔުއްވާފައި ވަނީ ހައްލަކީ ބަރުލަމާނީ ކަމަށެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ކެންޑިޑޭޓުންނަށް ތާއިދުކުރައްވަންވެސް ނަޝީދު މިހާރު ވަނީ ނިންމަވާފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ މަޖިލީހުގެ އާ ދައުރަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ތާއިދުކުރައްވާނެ ކަމަށެވެ.

ބަރުލަމާނީ ޕެޓިޝަންގައި ނަޝީދަށް ވަފާތެރި 14 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކުރަން ފަށާފައިވާ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކޮށް ދެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އަދި ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ކުރީން ވަނީ އަންގަވާފައެވެ.