ބޮލީވުޑް

މަލާމާތްކުރާ މީހުންނަށް ފަރާ ޚާންގެ ރައްދު

މަންމައެއްގެ ވަޒިފާއަކީ ފުލް ޓައިމް ޖޮބެކެވެ. ޚާއްސަކޮށް އާމްދަނީ ހޯދަން މަސައްކަތް ކުރަމުން ދަރިން ބަލާ އަންހެނުންނަކީ ސުޕަވުމަނުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ބޮލީވުޑް ކޯރިއޯގްރާފަރު-ޑައިރެކްޓަރު ފަރާ ޚާން ކުންދަރް އަކީ މިފަދަ މަންމަ އެކެވެ. އޭނާގެ އެއްމާބަނޑު ތިން ބޭން ކަމަށްވާ ދިޔާ އާއި އަންޔާ އަދި ސީޒާ ކުންދަރް އަށް ބޭނުންވާ ލޯތްބާއި އަޅާލުން ދިނުމުގައި އަދި އެކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި ފަރާ އަކީ ފާހަގަ ކޮށްލެވޭ މަންމަ އެކެވެ. އަދި ދަރިން ކަންތައް ކުރަމުން ޕްރޮފެޝަނަލްކޮށް ވެސް ވަރަށް ހަރަކާތްތެރި މަސައްކަތްތަކެއް ފަރާ ދަނީ ކުރަމުންނެވެ.

އަރްބާޒް ޚާންގެ ޗެޓް ޝޯ "ޕިންޗް"ގައި ދާދިފަހުން ފަރާ ބައިވެރިވެ ދެއްކި ވާހަކައިގައި ބުނި ގޮތުގައި އޭނާއަށް ސޯޝަލް މީޑީއާގައި އަބަދުވެސް މީހުންގެ މަލާމާތް ކުރުމާ ކުރިމަތިވެ އެވެ. މީގެ 10 އަހަރު ކުރިން އޭނާ އުފެއްދި "ތީސް މާރް ޚާން" ފްލޮޕްވީ ވާހަކަ މިހާރުވެސް ބައެއް މީހުން ދައްކާ ކަމަށް ފަރާ ބުންޏެވެ.

"ހެޔޮނުވާނެ. މިހާރު އޭގެ ފަހުން 10 އަހަރުވެއްޖެ. އަދިވެސް ތި ވާހަކަ ހުއްޓާކަށް ނުވޭތަ،" ފަރާ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އޭނާގެ ތިން ދަރިން ހިކި ކަމުން ވެސް ސޯޝަލް މީޑިއާގައި އެކުދިންނަށާއި އޭނާއަށް ބަޔަކު އެބަ މަލާމާތް ކުރެ އެވެ.

"އެހާ ފަލަފަލަ މީހެއްގެ ދަރިން އެހާ ހިކީ ކީއްވެހޭ މީހުން އެބަ އަހާ. އަދި އެކަމާ ވެސް އެބަ އަހަންނަށް މަލާމަތްކުރޭ،" ފަރާ ބުންޏެވެ.

މިކަމާ މަލާމަތްކުރާ މީހުންނަށް ފަރާ ވަނީ ވަރަށް ވަރުގަދައަށް ޖަވާބު ދީފަ އެވެ.

"ކަލޭމެން އަމިއްލަ ދަރިން ބެލޭތޯ އުޅެބަލަ. އަހަރެން އަހަރެންގެ ދަރިން ބަލާނަން،" ފަރާ ބުންޏެވެ.

ފަރާ ދާދިފަހުން ވަނީ އޭނާގެ ތިން ބޭންގެ 13 ވަނަ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފަ އެވެ. މި މުނާސަބަތާ ގުޅުވައިގެން ފަރާ ވަނީ އޭނާގެ ތިން ބޭންގެ ހަޔާތުގެ އެކި އެކި މަރުހަލާތަކުގައި ނަގާފައިވާ ފޮޓޯތަކުގެ ކޮލާޖެއް ހަދާފަ އެވެ. މި ކޮލާޖުގައި ކުދިން އެންމެ ކުޑައިރުއްސުރެ މިހާތަނަށް ނަގާފައިވާ ފޮޓޮތައް ހިމެނެ އެވެ.