ވެރިކަން ކުރާ އެމްޑީޕީ އަކީ ސިޔާސީ ކަންކަން އަބަދުވެސް ވަކި ހަމަތަކަކުން ވަކި އުސޫލަކުން ކުރަމުން އައި ޕާޓީ އެކެވެ. ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިންގަމުން އައި ޕާޓީ އެކެވެ. އެ ހަގީގަތް އެ ޕާޓީގެ ވާދަވެރިން ވެސް ގަބޫލުކުރެ އެވެ. މުޒާހަރާއެއް ކުރިޔަސް އެކަމަކަށް އެންމެންގެ ޝައުގުވެރިކަން ހޯދަ އެވެ. ޕާޓީގެ އެތެރޭގެ އިންތިހާބެއް ބޭއްވިޔަސް ދުރާލައި ހުރިހާ ކަމެއް ތަރުތީބުކޮށްލަ އެވެ. އެކަމެއްގެ މައުލޫމާތު ފުޅާދާއިރާއެއްގައި ހިއްސާކުރުމަކީ ވެސް އެމްޑީޕީގެ މުހިއްމު ފަލްސަފާ އެކެވެ. ޕާޓީގެ ކޮންމެ ގުނަވަކަށް މީހުން ހޮވަނީ ވެސް ވާދަވެރި އެތައް ކެމްޕޭނަކަށް ފަހު އެވެ. ވަރަށް މަދު ފަހަރަކު ނޫނީ އިންތިހާބުތަކަށް ފަހު އެމްޑީޕީގެ އާންމު މެންބަރުންނާއި ލީޑަޝިޕްގެ ފަރާތުން ވެސް ފެންނަނީ ބަދަހިކަމެވެ.
އެކަމަކު މިހާރު އެމްޑީޕީން ތެރެއިން ފެންނަނީ އެ ޕާޓީން ގަބޫލުކުރި އަސާސްތަކާއި އުސޫލުތައް ފަރުދާވާ މަންޒަރު ތަކެކެވެ. ޕާޓީން ގާއިމުކުރި ހަމަތަކާއި ނިޒާމު ރޫޅާލައި މަންޒަރެވެ. އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ދެ ބޭފުޅުންގެ ވާދަވެރިކަމުގައި އެ ބޭފުޅެއްގެ މަސްލަހަތު ހުރި ގޮތަކަށް ކޮންމެ ކަމެއް ކުރަން ބާރުދައްކަން އުޅޭ މަންޒަރެވެ.
ރައީސް ނަޝީދު މިހާރު އެންމެ ބޭނުންވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކޮށްލާށެވެ. ފާޅުގައި ވިދާޅުވެފައި ނެތް ނަމަވެސް ރައީސް ނަޝީދު ގަބޫލުކުރައްވާ ގޮތުގައި އެމަނިކުފާނަށް އެކަމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ރައީސް ސޯލިހެވެ. އެހެންވެ ރައީސް ނަޝީދުގެ އަމާޒަށް ވާސިލްވުމަށްޓަކައި އެމްޑީޕީން ތެރެއިން ބަޔަކު ނެރެ ބަރުލަމާނީ ޕެޓިޝަނުގައި ފޯރީގައި ސޮއި ކުރުވަން ފެށީ އެވެ. އެކަމުގެ މައި މަރުކަޒަކީ ޕާޓީގެ މައި ހަރުގެ އެވެ. އެތަނުގައި މިހާރު ހިނގާ މައިގަނޑު މަސައްކަތަކީ ވެސް ބަރުލަމާނީ ޕެޓިޝަނުގައި ސޮއި ކުރުމެވެ. އެކަމަކު އެއީ ޕާޓީގެ އެއްވެސް ގުނަވަކުން ނިންމައިގެން ހިނގާ ކަމެއް ނޫން ކަމަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑަށް އެނގޭ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް މިކަމުގެ ތެރޭގައި އުޅޭކަން. އެކަމަކު ބަރުލަމާނީ ނިޒާމު ގެންނަން އެމްޑީޕީއަކުން އެންޑޯޒެއް ނުކުރޭ. އެމްޑީޕީން އެންޑޯޒް ކޮށްގެން ކުރާނަމަ މިއަށްވުރެ ސާފުކޮށް، މިއަށްވުރެ ރަނގަޅަށް ކުރާނެ. އެހެންވީމާ މިއީ އެއްގޮތަކަށްވެސް އެމްޑީޕީގެ މެމްބަރެއް ނޫން. އަޅުގަނޑަށް އެނގޭ ގިނަ މެމްބަރުންތަކެއް ބައިވެރިވެގެން އުޅޭކަން،" ހަސަން ވިދާޅުވި އެވެ.
ބަރުލަމާނީ ޕެޓިޝަނަކީ އެމްޑީޕީގެ ކަމެއް ނޫން ނަމަ އެމްޑީޕީގެ މައި ހަރުގެ އެކަމަށް ބޭނުންކުރާ ހައިސިއްޔަތަކާ މެދު ޕާޓީގެ ތެރެއިން ވެސް ސީނިއާ ބޭފުޅުން އެބަ ސުވާލު އުފައްދަވަ އެވެ. ޖަވާބުގައި "އެއީ އެމްޑީޕީ ތެރެއިން މެމްބަރުންތަކެއް ބޭނުންވެގެން ކުރާ ކަމެއް" ކަމަށް ޗެއާޕާސަން ވިދާޅުވި ނަމަވެސް ވަކި ބޭފުޅެއްގެ މަސްލަހަތަށް ޕާޓީގެ ވަސީލަތެއް އެގޮތަށް ބޭނުންކުރުމަކީ ވެސް އެމްޑީޕީގެ ބައެއް ބޭފުޅުން ރުހޭ ކަމެއް ނޫނެވެ.
ރައީސް ނަޝީދުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުންނެވި ރައީސް ސޯލިހް ދޫކޮށްލެއްވުމަށްފަހު އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަމަށް ރައީސް ނަޝީދު ކުއްލި ގޮތަކަށް އެދިވަޑައިގަތުމަކީ ވެސް އެމްޑީޕީގެ ހަމަތަކާއި އުސޫލުތައް ގަބޫލުކުރާ މީހުންނަށް ހަޖަމުކުރެވޭ ކަމަކަށް ނުވި އެވެ. ރައީސް ސޯލިހު ގަބޫލުކުރެއްވި ގޮތުގައި އެއީ ރާއްޖޭގެ ސިޔާސީ ނިޒާމު މަރާލުމަށް ކުރެއްވި ކަމެކެވެ. ރައީސް ނަޝީދު އެފަދަ ކަމެއް ކުރައްވާނެ ކަމަކަށް ކުރިން އެއްވެސް ބޭފުޅަކު ހީވެސް ނުކުރައްވަ އެވެ. އެހެންކަމުން އެމްޑީޕީގެ އެއްވެސް ފަރާތަކާ މަޝްވަރާ ނުކުރައްވާ، ރައީސް ނަޝީދު އިދިކޮޅު ލީޑަރުގެ އެހީތެރިކަމަށް އެދިވަޑައިގަތުމުން ރައީސް ސޯލިހަށް ވަފާތެރި ބައެއް މެންބަރުން ވަނީ އެއީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެކަމެއް ޕާޓީގެ އެއްވެސް ހިސާބަކުން ނުހިނގަ އެވެ.
ޕާޓީގެ އިސް ލީޑަރަށް ވީތީ އަދި ރައީސުލްޖުމްހޫރިއްޔާ އަށް ވީތީވެ ރައީސް ސޯލިހް ވެސް އެމްޑީޕީގެ ކޮންޓްރޯލް ގެއްލޭކަށް ބޭނުމެއް ނުވެ އެވެ. އެހެންވެ އެމަނިކުފާނު ވެސް ގެންދަވަނީ ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުން ބޭނުންކުރައްވައިގެން ކަންތައްތަކެއް ކުރައްވަމުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުންތަކަކީ އާންމުކޮށް ގިނަ އަދަދަކަށް މެންބަރުން ބައިވެރިވާ ބައްދަލުވުންތަކެކެވެ. ނަމަވެސް މިފަހުން ބާއްވާ ބައްދަލުވުންތަކުގައި ރައީސް ސޯލިހަށް ތާއީދުކުރައްވާ މެންބަރުން ބައިވެރިވާ އަދަދު ނިސްބަތުން މަދެވެ. ސަރުކާރާއި ނޫނީ ސީދާ ރައީސް ސޯލިހުގެ ބާރުވެރިކަމާ ގުޅޭ ކަމެއްގައި ރައީސްގެ ބޭފުޅުން ގައުމީ ބައްދަލުވުންތަކަށް "ބޯދިއްކޮށްލުމަށްފަހު" ޣައިބުވުން ވަނީ އާންމު ކަމަކަށްވެފަ އެވެ. އެހެންވެ އެކަމުގެ ފަޅުކަމާއި ފޫހިކަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުންތަކުން މިހާރު ފެނެ އެވެ.
ހައެއްފަހެއްގެ ހަމަލާ އަށް ފަހު އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިހާރު އެންމެ ގިނައިން ވާހަކަދައްކާ ބަހުސްކުރާ މައުލޫއަކީ ވެސް ހަމަލާއާ ގުޅޭ ކަންކަމެވެ. އެކަމަކު އެ ބައްދަލުވުންތަކުގައި ވަޒީރުންނާއި ރައީސް އަށް ހެޔޮއެދިވަޑައިގަންނަވާ ސަރުކާރުގެ އިސްވެރިންނާއި މަޖިލީހުގެ މެންބަރުން ބައިވެރި ނުވާ ކަން ރައީސް ނަޝީދުގެ ސަޕޯޓަރުން ވެސް ގެންދަވަނީ ތަކުރާރުކޮށް ފާހަގަކުރައްވަމުންނެވެ. އެ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި ރައީސް ސޯލިހާއި އެމަނިކުފާނަށް ތާއީދުކުރައްވާ ގައުމީ މަޖިލީހުގެ މެންބަރުންނަށް ރައީސް ނަޝީދަށް ދެވުނު ހަމަލާއާ ގުޅޭ ކަންކަން މިހާރު މުހިއްމު ނުވަނީ އެވެ. ރައީސް ސޯލިހަށް ތާއީދުކުރައްވާ މެންބަރުންގެ އެ އަމަލުގެ ސަބަބުން ޕާޓީން ބާރު ސްޕީޑުގައި ކުރަން ބޭނުންވާ ބައެއް ކަންކަމަށް ހުރަސް އެޅެ އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕް ކޮންޓްރޯލް ކުރުމަށް ނުވަތަ ރައީސް ސޯލިހުގެ ބަހުންނަމަ މެޖޯރިޓީ ހޯދުމަށް އެމަނިކުފާނު އަމަލުކުރައްވާ ގޮތްތަކުގެ ސަބަބުން ވެސް ޕާޓީ އަށް ލޮޅުންތައް އަރަ އެވެ. ޕާޓީގެ ގުނަވަންތަކުގެ ބަދަހިކަމާއި އެކުލަވާލުމަށް ވެސް ބުރޫއަރަ އެވެ. ޕާޓީއަށް ރައްޔިތުންގެ ލޯތްބާއި ތާއީދާއި އިތުބާރު އިތުރުކުރަން މަޖިލީހުގެ ތެރެއިން ނުސީދާކޮށް ކުރެވެން ހުރި މުހިއްމު މަސައްކަތްތައް އެކަމުގެ ސަބަބުން މެދުކެނޑުމުގެ ފުރުސަތު ވެސް އެބައޮތެވެ. ޕީޖީ ގުރޫޕްގެ މައްސަލަތަކާއި ގުޅިގެން އެމްޑީޕީ އަކީ ރިޝްވަތާއި ހިޔާނާތާއި ފަސާދައާ ދުރު ޕާޓީއެއް ކަމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ދޭތެރެ ދޭތެރެއިން ރައީސް ސޯލިހަށް ހަނދާން ވެސް ކޮށްދެއްވަ އެވެ.
އެ ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި ރައީސް ސޯލިހު، އެމްޑީޕީގެ ޕީޖީ ގުރޫޕް ކޮންޓްރޯލް ކުރައްވަނީ ސަރުކާރުގެ ތެރެއިން އެކި ކަހަލަ "ހަދިޔާތައް" ދެއްވައިގެންނެވެ. ރައީސް ނަޝީދު ތުހުމަތުކުރައްވާ ގޮތުގައި ހަދިޔާ ބެއްސެވުމާއި ޕީޖީ ގުރޫޕް ކޮންޓްރޯލް ކުރެއްވުމަށް ރައީސް ސޯލިހު އިސްކޮށް ގެންގުޅުއްވާ ދެ ބޭފުޅުންނަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި އަލިފުށި ދާއިރާގެ މެންބަރު އަދި ރައީސް ސޯލިހުގެ ޅިޔަލު މުހައްމަދު ރަޝީދު (ބިގޭ) އެވެ. އެމްޑީޕީގެ ޕީޖީ ދެބައިވުމާ ގުޅިގެން އެމްޑީޕީ މިހާރު އޮތީ ދެބައިވެ ރެނދުލާފަ އެވެ. އެއީ އެމްޑީޕީ މުސްތަގުބަލަށް އޮތް ބިރެކެވެ.
އެންމެ ފަހުން ރޭ ނިމިގެން ދިޔަ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގައި ހިމެނޭ ނުވަ މެންބަރުންގެ ކޮންޓްރޯލް ވެސް އެވަނީ ރައީސް ސޯލިހް ނަންގަވާފަ އެވެ. އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ މުހިއްމު ބޭނުމަކީ ޕާޓީގެ އެކި ގުނަވަންތަކުން ނިންމާ ނިންމުންތައް ގޯސްނަމަ އެކަމުގައި ޕާޓީގެ ތެރެއިން ފަހު ބަސް ބުނުމެވެ. މީގެތެރޭގައި އެމްޑީޕީގެ މެންބަރަކު އެ ޕާޓީން ވަކިކޮށްލުމުގައި ވެސް ފަހު ބަސް ބުނަން އެ މަޖިލީހަށް ފުރުސަތު އެބައޮތެވެ. އެހެންކަމުން ރައީސް ސޯލިހުގެ ވަފާތެރިން އެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްފިނަމަ އެއީ އެމްޑީޕީއަށް ކުރިމަތިވާނެ އިތުރު މައްސަލަތަކަކަށް ވާނެ އެވެ.
އެމްޑީޕީގެ ހާލަތު މިވަގުތު އޮތް ގޮތުން ދެ ރައީސުންގެ ވާދަވެރިކަމުގައި އެމްޑީޕީގެ ތެރެއިން މީގެކުރިން ނުފެންނަ އެތަން ކަމެއް ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ އެވެ. ޕާޓީ އަށް އިތުރު ލޮޅުންތައް އަރައި ޕާޓީން ގަބޫލުކުރި ހަމަތަކާއި އުސޫލުތައް މުގުރާލެވޭ އިތުރު އެތައް ކަމެއް ކުރާނެ އެވެ. ރާއްޖޭގެ ސިޔާސީ ޕާޓީ ތަކަށް އެމްޑީޕީން ދެއްކި އެތެރޭގެ ނިޒާމުތައް މުގުރާލުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އޮތް ދެރައެކެވެ. އެކަމަކު އެމްޑީޕީގެ އެތެރޭގައި މިވަގުތު ހުރި މައްސަލަތަކަށް ހައްލެއްގެ ކޮޅުމަތިވެސް ފެންނަން އޮތް ކަމަށް ގަބޫލުކުރާކަށް ފަސޭހައެއް ނޫނެވެ.