މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ބޭރަށް ކިޔަވަން ދިއުމުގެ ފުރުސަތު އެމްޕީއެލްއިން ދެނީ

އެމްޕީއެލުން ސްޕޮންސާ ކުރާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެއީ ބޭރު ގައުމުގައި ކިޔެވުމުގެ ހަތަރު ފުރުސަތާއި ރާއްޖޭގައި ކިޔެވުމުގެ އެއް ފުރުސަތެވެ.

އެމްޕީއެލުން ސްޕޮންސާ ކުރާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ވަނީ އިއްޔެ އެވެ. އަދި އަންނަ މަހުގެ 12 ގެ ކުރިން ކޯސްތަކަށް އެދި ހުށަހަޅަން ޖެހޭނެ އެވެ.

އެ ކުންފުނިން ކިޔަވަން ހުޅުވާލާފައިވާ ކޯސްތަކަކީ މެރިޓައިމް އެންޑް ލޮޖިސްޓިކްގެ ޑިގްރީ އާއި މެރިޓައިމް އޮޕަރޭޝަންސްގެ ޑިގްރީ އާއި ނޭވަލް އާކިޓެކްޗާގެ ޑިގްރީ އާއި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތުގެ ޑިގްރީގެ އިތުރުން އޭސީސީއޭ އެވެ. އޭސީސީއޭ އަކީ ރާއްޖޭން ހަދާ ހަމައެކަނި ކޯހެވެ. މި ކޯހަށް ދެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ކޯސްތަކުގައި ބައިވެރިވޭނީ އޯ ލެވެލް އިމްތިހާނުގެ ހަތަރު މާއްދާ އިން ދަށްވެގެން ސީ ފާސް އަދި އޭލެވެލް އިމްތިހާނުގެ ދެ މާއްދާ އިން ދަށްވެގެން ސީ ފާސް ލިބިފައިވާ މީހުންނަށެވެ. އަދި މި ކޯހަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ނުވާ ޒުވާނުންނަށެވެ.

ކޯހަށް ހޮވޭ ދަރިވަރުން ކިޔަވަން ފަށާނީ އަންނަ އަހަރުގެ އިންޓޭކުތަކުގަ އެވެ. ކޯސް ލިބުމުން، ކޯސް ފަށަން ދެން އެމްޕީއެލްގައި އެޕްރެންޓިސްއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭނެ އެވެ. މި މުއްދަތުގައި ކޮންމެ ކެންޑިޑޭޓަކަށް ވެސް އެލަވެންސެއް ލިބޭނެ އެވެ.

ރާއްޖޭން ބޭރުގެ ކޯސްތަކަށް ހޮވޭ ކެނޑިޑޭޓުންނަށް އެ ކޯސް ހިންގާ ގައުމެއްގައި ކަނޑައަޅާފައިވާ ރޭޓުން، ކޯހުގައި ހުންނަ މުއްދަތުގައި ޓިއުޝަން ފީ އާއި ކޮންމެ އަހަރަކު ދެކޮޅު ޓިކެޓާއި ސްޓައިޕަންޑް އާއި އެސްޓެބްލިޝްމަންޓް އެލަވަންސް އާއި ބުކް އެލަވަންސް އަދި ޑިޕާޗާ އެލަވަންސް އެމްޕީއެލްއިން ދޭނެ އެވެ.

ކޯސްތަކަށް ހޮވޭ ދަރިވަރުން ކޯސް ނިންމުމަށް ފަހު، އެމްޕީއެލުން ކަނޑައަޅާ ގޮތެއްގެ މަތިން އެ ކުންފުނިން ބުނާ ތަނެއްގައި ހަތް އަހަރު ދުވަހު ހިދުމަތް ކުރަން ޖެހެ އެވެ. އަދި ފުރުސަތު ލިބުމަށް ފަހު ކިޔެވުން ދޫކޮށްފިނަމަ އެ ކުންފުނިން މިފަދަ ދެވަނަ ފުރުސަތެއް އެ މީހަކަށް ނުލިބޭނެ އެވެ.