ފިއްލަދޫ

ދައްޕަރު ވަކިކުރީ ފިއްލަދޫ ކައުންސިލްގެ ބަހެއް ނުހޯދާ

ހއ. ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ހއ. ދައްޕަރު، އެ އިދާރާގެ އިހުތިސޯސުން ވަކިކޮށްފައި ވަނީ ފިއްލަދޫ ކައުންސިލާ މަޝްވަރާ ކުރުމަކާ ނުލާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ވިދާޅުވީ ދައްޕަރު ފިއްލަދޫގެ އިހުތިސޯސުން ވަކިކުރި ސަބަބެއް ސަރުކާރުން ނުވަތަ ކަމާގުޅޭ އެހެން އިދާރާއަކުންވެސް ކައުންސިލަށް އަންގާފައި ނުވާ ކަމަށެވެ. އަދި މިފަދަ ނިންމުމެއް ނިންމާއިރު ކައުންސިލާއެކު މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދެހާސް ދިހަވަނަ އަހަރު ދައްޕަރަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، އެރަށުގައި ރިސޯޓެއް އެޅުމަށް ހަވާލު ކުރި އެވެ. ނަމަވެސް ފަހުން އެތަނުގައި ރިސޯޓް ގާއިމް ކުރުމުގެ މަޝްރޫއު ވަނީ ހުއްޓާލާފަ އެވެ. އޭގެ ފަހުން މާޗް 18، 2020 ގައި ރައީސް އިބްރާހިމް ސޯލިހު ވަނީ ފިއްލަދޫގެ އިހުތިސޯސުގެ ތެރޭގައި ދައްޕަރު ހިމަނާފަ އެވެ.

"ކައުންސިލާ ހަވާލުވެގެން މަސައްކަތް ކުރާތާ ތިން ވަރަކަށް މަސް އަދި ވީ. ދައްޕަރު އޮތް ގޮތެއް އެނގިފައެއް އޭރަކު ނެތް. ހާލަތު ބަލާލުމުން އެނގުނީ އެ ރަށަށް ހުއްދަ ނުހޯދާ އެކި ހިސާބުތަކުން މީހުން އަރާ އެތަނުގެ ބޭނުން ހުއްދަނެތި ކުރަމުންދާކަން." ފަތުހުﷲ ވިދާޅުވި އެވެ.

ދައްޕަރަށް ހުއްދަނެތި އެރުން ހުއްޓުވުމަށް މިމަހުގެ 11 ވަނަ ދުވަހު ފިއްލަދޫ ކައުންސިލުން ވަނީ ބަޔާނެއް ނެރެފަ އެވެ. ބަޔާން ނެރުމަށް ފަހު އެ ރަށަށް އެރޭނެ އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ދިޔަކަމަށް ފަތުހުﷲ ވިދާޅުވި އެވެ. ފިއްލަދޫގެ އިހުތިސޯސްގެ ތެރެއިން ދައްޕަރު ނަގާފައިވާ ކަަމަށް ރައީސް ސޯލިހު ގަރާރެއް ނެރުއްވީ އެ މަސައްކަތްތައް ކުރަމުން ދަނިކޮށެވެ.

ދައްޕަރާއި މެދު ކަންތައްކުރާނެ ގޮތެއް އޮޅުންފިލުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފަތުހުﷲ ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން އަދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކުން ޖަވާބެއް ލިބޭ ގޮތް ނުވާ ކަމަށް ވިދާޅުވި އެވެ.