ރައީސް އަބްދުﷲ ޔާމީން

މަގުމައްޗަށް ނުކުމެ މުލައްދަނޑީގެ ބާރު ދައްކަން ފުރުސަތެއް ނެތް: ރައީސް

Nov 25, 2015
7

ކޮންމެ ކަމެއްގައި ގާނޫނުތަކާއި ގާނޫނު އަސާސީ އެއްފަރާތްކޮށް މުލައްދަޑީގެ ބާރު ދައްކަން މަގުމައްޗަށް ނިކުންނަ ފަރާތްތަކަށް މި ގައުމުގައި ދެން ފުރުސަތެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

"އިކޮނޮމިކް ޑައިލޮގް ވިތް ޕްރެޒިޑެންޓް" ގެ ނަމުގައި މިރޭ އިކޮނޮމިކް މިިނިސްޓްރީ އިން ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ކަމެއްގައި މަގުމަތި އިހުތިޔާރުކޮށް އެބަޔަކު ބޭނުން ގޮތަކަށް ކަންކަން ނިންމުމުގައި މުލައްދަޑީގެ ބާރު ދައްކައިގެން ކަންކަން ނިންމަން އުޅުމަކީ މިހާރު ގަބޫލު ކުރާނެ ގޮތެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ގައުމުގެ އަމާންކަން ގާއިމްވެފައި އޮތުން ކޮންމެހެން މުހިންމު ކަމަށެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ހަރުކަށި އަދި އިނިޔާވެރި އަމަލުތަކަކީ އެކި ގައުމުތަކަށް އިންވެސްޓަރުން ގެންދިޔުމަށް އޮތް ހުރަސް ކަމަށެވެ. ރައީސް ވިދާޅުވީ އަހަރުމެން އަމިއްލައަށް ކުރާ ސިޔާސީ ކަންކަމުން ސަބަބުން މުސީބާތްތައް އަމިއްލައަށް ލިބިގަނެގެން ނުވާނެ ކަމަށެވެ.

"ޓްވިޓާގައި ސޯސަލް މީޑިއާގައި އަޅުގަނޑުމެންނަށް މިދެކެވޭ ވާހަކަތަކުން މި ކަންތައްތަކުން އަޅުގަނޑުމެން ރާއްޖެއާ މެދު ގޯސްވާހަކަ ދެއްކުމަކީ އޭގެ ސަބަބުން ނުތަނަވަސްކަން އަންނާނެ ކަންކަން. އެކަންކަން އަޅުގަނޑުމެން ކުރާނަމަ އެއީ އަޅުގަނޑުމެން އަމިއްލައަށް ލިބިގަންނަ ގެއްލުމެއް،" ރައީސް ވިދާޅުވި އެވެ. "މުޅި ދުނިޔެއަށް ވެސް އިންވެސްޓަރުން ގެނައުމަށް މި އޮތް ގޮންޖެހުމަކީ ހަމަނުޖެހުންތައް މިކަހަލަ އަނިޔާވެރި ހަރުކަށި އަމަލުތައް. މިއީ ރާއްޖެއިން ވެސް އަޅުގަނޑުމެން ނައްތާލަން ޖެހޭ ކަންކަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ވެސް އެންމެ މުހިންމުވެފައިވާ ކަމަކީ އަމާންކަން ކަމަށެވެ. ރައީސް ވިދާޅުވީ ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ވެސް ރާއްޖޭގައި ހިނގާ ކޮންމެ ކަމަކަށް ފާރަލާ ކަމަށެވެ. އަދި އެވާހަކަތައް އެކި ގޮތްގޮތަށް ދައްކާ އިރު ރާއްޖެއާ ބެހޭ ގޮތުން ނޭދެވޭ ވާހަކަތައް ވެސް ދައްކާ ކަމަށެވެ. އަދި ބައެއް ފަހަރު ރާއްޖެއާ މެދު ފިޔަވަޅު ވެސް އަޅަން މަސައްކަތް ކުރާއިރު އެކަމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބަދަލެއް ނުލިބޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއާ މެދު ފާޑުކިޔާ ގައުމުތަކުން ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން އެ ވަރަށް މަސައްކަތް ކުރައްވާތަން ނުފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ ކުރިއަށް އަންނަން އޮތް ޖީލުތަކަށް އަމާން ގައުމަކަށް ހަދައިދޭން މަސައްކަތް ކުރާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ކުރިއަށް އަންނަން އޮތް މާޒީގައި ހަމަޖެހުން ގާއިމް ކުރުމަށް ކުރާ ކަންކަން ކަމަށެވެ. ރައީސް ވިދާޅުވީ ކަންކަމުން ނިކުންނަ ޖުމްލަ ނަތީޖާއަށް ބަލައިގެން ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި މި ސަރުކާރުން އިގްތިސާދާ އެއްވަރަށް އަމާންކަން ގާއިމްކުރަން އިސްކަން ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަތީޖާ އަކަށް ވަނީ އިންވެސްޓަރުންގެ އިތުބާރު ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް ރަނގަޅުވުން ކަމަށް ރައީސް ވިދާޅުވި އެވެ.