ޗައިނާ

ޗައިނާގައި ގޭމް ކުޅެވޭނެ ވަގުތަށް ބަދަލުތަކެއް

ޗައިނާގައި 18 އަހަރުން ދަށުގެ ކުދިންނަށް ގޭމް ކުޅެވޭނެ ވަކި ވަގުތުތަކަކާއި ދުވަސްތަކެއް އަލުން ކަނޑައަޅައިފި އެވެ.

ޗައިނާ ސަރުކާރުން އިއްޔެގެ ވަގުތެއްގައި މި ނިންމުން ނިންމާފައިވަނީ އެ ގައުމުގައި ކުޑަކުދިން ގޭމަށް ދެވި ހިފުން އިތުރުވުމާ ގުޅިގެން އެކަން ހައްލުކުރުމުގެ އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.

މީގެ ކުރިންވެސް ޗައިނާއިން ވަަނީ ކުޑަކުދިންނަށް ގޭމް ކުޅެވޭނެ ވަކި ވަގުތުތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން މީގެކުރިން ކޮންމެ ދުވަހަކު ދޮޅުގަޑިއިރަށް ގޭމް ކުޅެން ފުރުސަތު ދީފައިވެ އެވެ. ނަމަވެސް އިއްޔެ ގެނެވުނު ބަދަލާއި އެކު ދެން ގޭމް ކުޅެވޭނީ ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ރޭގަނޑު 8:00 އިން 9:00 އަށެވެ.

މި ނިންމުމާއި އެކު ޗައިނާގެ ގޭމް ޑިވެލޮޕް ކުރާ ޕްލެޓްފޯމްތަކުން އެންގުންތަކާއި އެއްގޮތައް އެ ޕްލެޓްފޯމް ތަކުންދޭ ހިދުމަތްތައް ބަދަލުކުރަން ޖެހޭނެ އެވެ. އަދި އަސްލު ނަމާއި މައުލޫމާތު ހިމަނައިގެން ގޭމް ކުޅުމަށް ރަޖިސްޓްރީ ކުރާ އުސޫލެއް ގާއިމުކުރަން ޖެހޭނެ އެވެ.

ޗައިނާގައި ގޭމްތައް ރެގިއުލޭޓް ކުރުމުގައި ވެސް ގިނަ ފިޔަވަޅުތަކެއް ހުންނަނީ އަޅާފަ އެވެ. އެގޮތުން ގޭމްތަކަށް ރަޖިސްޓްރީ ކުރާ ވަގުތު އަސްލު ނަމާއި ފޯނު ނަމްބަރު ޖަހަން މަޖުބޫރުކޮށްފައިވެ އެވެ.