ލިތުއޭނިއާގައި ޗައިނާ ސްމާޓްފޯންތައް ބޭނުން ނުކުރަން އަންގައިފި އެވެ. އިދާރާތަކުން އާންމުންނަށް އަންގާފައި އޮތީ ޗައިނާގައި އުފައްދާ ސްމާޓްފޯނުތައް ނުގަތުމަށައި ބޭނުންކުރާ ނަމަ އުކާ ލުމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލިތުއޭނިގާއި އާންމުނަށް މިފަދަ އަމުރެއް ނެރުނީ ޗައިނާގައި އުފައްދާ ސްމާޓްފޯނުތައް މެދުވެރިކޮށް ޗައިނާ ސަރުކާރުން ޖާސޫސް ކުރާ ކަމަށް އިންޓަނެޓް ސެކިޔުރިޓީ ފާމްތަކުން ބުނުމާ ގުޅިގެންނެވެ.
ޗައިނާގެ ސްމާޓްފޯންތަކަށް ސަމާލުވުމަށް ލިތުއޭނިއާގެ ސައިބާ ސެކިޔުރީޓީ އިދާރާއިން ގޮވާލާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އެ އިދާރާއިން ބުނި ގޮތުން ޝޯމީ ކަހަލަ ބައެއް ކުންފުނިތަކުން އުފައްދާ ފޯނުތަކުގައި ސެންސަރުކުރުގެ ގާބިލުކަން ވެސް ހިމަނާފައިވެ އެވެ. އެގޮތުގައި ޗައިނާ ސަރުކާރަށް ކަމުނުދާ ޒާތުގެ ލަފުޒުތައް އުނިކޮށް ހަގީގަތް އޮޅޭ ގޮތަށް އިންޓަނެޓް ސާޗް ދަައްކައިދެ އެވެ.
ލިތުއޭނިއާގެ ނޭޝަނަލް ސައިބާ ސެކިއުރިޓީ ސެންޓަރުން ބުނީ ސެންސަރުކުރުމަށް ޝޯމީ ފޯނުތަކުގައި ގާއިމުކޮށްފައި ހުންނަ ސޮފްޓްވެއާ މޮޑިއުލްތައް އާންމުކޮށް ނުފެންނަ ކަމަށާއި ފެކްޓަރީން ފޯނުތައް ނެރޭއިރު އެފީޗާ އިންނަނީ ނިންވާލާފައި ކަމަށެވެ. އެހެން ނަމަވެސް އޮތް ބިރަކީ އެއީ ރިމޯޓްކޮށް އޮޓަމެޓިކުން ޖެއްސޭ ފީޗާއަކަށްވުން ކަމަށެވެ.
ލިތުއޭނިއާ ޑިފެންސް މިނިސްޓްރީން ބުނީ އެދެވެނީ ޝޯމީ ފަދަ ފޯނުތައް ބޭނުން ނުކުރުން ކަމަށާއި ޗައިނާގައި އުފައްދާ ސްމާޓްފޯނެއް ގަތުން ރަނގަޅު ނޫން ކަމަށެވެ. އަދި ބުނީ ކޮންމެ ފޯނަކީ ވެސް ގައުމީ ނެޓްވޯކް ތެރެއިން މަސައްކަތްކުރާ އާލާތެެއް ކަމަށާއި ޝައްކުކުރެވޭ ފޯނުތައް ދޫކޮށްލަން ނަސޭހަތްތެރިވަނީ އެހެންވެ ކަމަށެވެ.