ޓެކްނޯލޮޖީ

އެމެރިކާއިން ވާވޭއަށް އެޅި ދަތިތައް އުވާލައިފި

Jun 30, 2019

ޗައިނާގެ ވާވޭއަށް އެމެރިކާގައި ވިޔަފާރީގެ މުއާމަލާތްތަށް ނުހިންގޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްމް އެޅި ދަތިކުރުމުގެ ފިޔަވަޅުތަށް އުވާލައިފި އެވެ.

ވާވޭ އަށް އެޅި ފިޔަވަޅުތަށް އުވާލާފައިމިވަނީ ޖަޕާނުގައި ކުރިއަށްދާ ޖީ20 ސަމިޓުގެ ތެރެއިން، ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރައީސް ޓްރަމްޕް ބައްދަލުކޮށް މަޝްވަރާ ކުރެެއްވުމަށް ފަހު އެވެ.

އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ އެމެރިކާގެ ސަރުކާރުން ވަނީ ވާވޭގެ ފޯންތައް ބޭނުން ކުރުން އެ ގައުމުގައި ދުވަސްތަކެއް ވަންދެން މަނާކޮށްފަ އެވެ. މިއާއެކު ވާވޭ ފޯން އޮޕަރޭޓިން ސިސްޓަމް ކަމަށްވާ އެންޑްރޮއިޑުގެ ހިދުމަތްތައް ވާވޭ ފޯންތަކަށް ފޯރުކޮށް ދިނުމަށް ގޫގުލް ކުންފުންޏަށް ދަތިތަކެއް ދިމާވި އެވެ. އަދި މިކަން ވެގެން ދިޔައީ އެމެރިކާގެ އެހެން ވިޔަފާރިތަކަށްވެސް ބޮޑު ބޮލު ރިހުމަކަށެވެ.

ވާވޭއަށް އަޅައިފައިވާ ދަތިތައް އުވާލި ނަމަވެސް، އެމެރިކާއިން އަދިވެސް ވާވޭގެ ފޯނުތައް ގިންތި ކޮށްފައި ވަނީ ނުރައްކާތެރި ވަސީލަތެއްގެ ގޮތުގަ އެވެ. އެމެރިކާއިން ވާވޭ ފޯނަކީ އެ ގައުމުގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވަނީ، އެމެރިކާ އާއި ޗައިނާގެ ގުޅުން ގޯސްވެފައިވާ ޓްރޭޑް މައްސަލައިގައި ޗައިނާގެ އިގްތިސާދު ދަށްކޮށްލުމަށް ކަމަށް ފިޔަވަޅު އަޅަން ޓްރަމްޕް ގޮވާލި ހިސާބުން ފެށިގެން ކަމުގެ މާހިރުން ދިޔައީ ވިދާޅުވަމުންނެވެ.

ޓްރަމްޕް ވާވޭ ކުންފުންޏަށް ދަތި ކުރަން އެހެން ގައުމުތަކަށް ގޮވާލީ ވެސް އެމެރިކާގެ އަމިއްލަ އެޖެންޑާ އެއް ހާސިލްކުރަން ކަމަށް ބުނެ ގައުމުތަކުގެ ލީޑަރުންނާއި ވިޔަފާރިވެރިން ދިޔައީ ފާޑު ކިޔަމުންނެވެ. ބިޒްނަސް އެނަލިސްޓުން ނުވަތަށް ވިޔަފާރި ދިރަސާކުރާ ފަރާތްތަކުން ވިދާޅުވެފައިވަނީ، ޓްރަމްޕުގެ ވާވޭ އަށް އަޅައިފައިވާ ދަތިތަށް އުވާލަން ނިންމީ ދުނިޔޭގެ ދެވަނަ އިގްތިސާދު ކަމަށްވާ ޗައިނާގެ އިގްތިސާދަށް ދަތިކުރާނަމަ އެމެރިކާއަށް އެކަމުގެ އަސަރުކުރާނެ ކަން ވިސްނިގެން ކަމަށެވެ.