މޯލްޑިވްސް ޕޮލިސް ސާވިސް

ޝިމާއުއަށް ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދު

ކަރަށް ވަޅިހަރައި ޒަހަމްކޮށްލި ހުސައިން ޝިމާއު އަށް ހަމަލާ ދިން މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ޝިމާއު އަށް ހަމަލާ ދީފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުގެ ވަގުތެއްގަ އެވެ. އުމުރުން 21 އަހަރުގެ އެ ޒުވާނާގެ ކަރަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވަނީ ސޯސަން މަގުގައި ހުންނަ ރޯޝަނީ ބިލްޑިން ކައިރިން އެހެން މީހަކާ އެކު ސައިކަލުގައި ދަނިކޮށް، އެހެން ސައިކަލުތަކެއްގައި ދިޔަ ތިން މީހުންގެ ގްރޫޕަކުންނެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާގައި ޒުވާނާގެ ނޭވާ ހޮޅިވެސް ވަނީ ފޫގޮސްފަ އެވެ. އަދި ކަރުގެ އަރިމަތީގެ ނާރަށް ވެސް ވަނީ ގެންލުން ލިބިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު އަވަސް އަށް ވިދާޅުވީ މި މައްސަލައިގައި 18 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ އާދިއްތަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދު މުއްދަތު ޖެހުމަށް ކޯޓަށް އިއްޔެ ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދިނުމާއެކު ޒުވާނާ ސައިކަލުގައި އެކަނި ދުއްވާފައި އޭޑީކޭ ހޮސްޕިޓަލާ ހަމައަށް ދިޔަ އެވެ. އެކަމަކު ހޮސްޕިޓަލުގެ ދޮރާ ހަމައަށް ދެވުނު ތަނާހެން އޭނާ ހޭނެތިގެން ސައިކަލާއެކު ވެއްޓުނީ އެވެ. އޭނާ ހޮސްޕިޓަލަށް ވެއްދީ އެތަނުގައި ތިބި ބަޔެކެވެ.

އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، އައިޖީއެމްއެޗަށް ބަދަލުކޮށް ޒުވާނާއަށް ދަނީ ފަރުވާދެމުން ނެވެ. އޭނާ އޮތީ އަދިވެސް އައިސީޔޫގަ އެވެ.