ބާސެލޯނާގެ ޒުވާން ޑިފެންޑަރު އެމާސަން ރޯޔަލް ހޯދަން ޓޮޓެންހަމް ހޮޓްސްޕާ އިން މަސައްކަތް ފަށައިފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން 22 އަހަރުގެ އެމާސަން ހޯދުމަށް ޓޮޓެންހަމުން މިހާރު ވަނީ ބާސެލޯނާ އާއި އެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ބާސެލޯނާއިން ޓޮޓެންހަމްއަށް އެމާސަން ވިއްކާލާނީ 25 މިލިއަން ޔޫރޯ އަށެވެ. އަދި އެޑްއޮންސްގެ ގޮތުގައި ފަސް މިލިއަން ޔޫރޯ ޓޮޓެންހަމުން ބާސެލޯނާއަށް ދައްކާނެ އެވެ.
މިއީ ޓޮޓެންހަމުން އެމާސަން ހޯދަން ބާސާއަށް ބިޑް ހުށަހެޅި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޓޮޓެންހަމުން ހުށަހެޅީ 15 މިލިއަން ޔޫރޯ އާއި އެކު އެޓީމުގެ ކަނާތުން ފަހަތަށް ކުޅެމުން އަންނަ ސާޖް އޮރިއޭ ބާސާއަށް ދިނުމަށެވެ. ނަމަވެސް ބާސާ އިން ވަނީ އެހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.
މީގެ އިތުރުން އާސެނަލުން ވެސް އެމާސަން ހޯދަން މަސައްކަތް ކުރި އެވެ. އާސެނަލުން ހުށަހެޅީ 10 މިލިއަން ޔޫރޯގެ ބިޑެކެވެ. އަދި އެބިޑަށް އިތުރު ބާރެއް ދިނުމުގެ ގޮތުން ރައިޓްބެކް ހެކްޓާ ބެލެރިން ބާސާއަށް ދޭން ހުށަހެޅި އެވެ. ނަމަވެސް ބާސާ އިން ވަނީ އެބިޑުވެސް ބަލައިނުގަނެފަ އެވެ.
މީގެ ކުރިން ބާސެލޯނާގެ ކަނާތު ފަޅިން ފަހަތަށް ކުޅެމުން އަންނަ އެމާސަން ހުރީ އެކްލަބު ދޫކޮށްލާ ގޮތަކަށް ނޫނެވެ. އެކަމަކު ޓޮޓެންހަމްގެ މި ހުށަހެޅުމާއި އެކު ބާސާއިން ވަނީ އެމާސަން އަށް އެކަން އަންގާފަ އެވެ. އަދި ޓޮޓެންހަމްގެ ޑިރެކްޓަރު ވަނީ އެމާސަން އަށް ގުޅައި އެޓީމަށް އޭނާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނެ ގޮތް ކިޔައިދީފަ އެވެ.
މިފަހުން އެމާސަން ބާސާ އާއި ގުޅުނީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ. ލޯނު އުސޫލުގެ ދަށުން ރެއާލް ބެޓިސް އަށް ދޫކޮށްފައިވާ އެމާސަން އަނބުރާ ބާސާ އަށް ގެނައުމަށް އެކްލަބުން ވަނީ ނުވަ މިލިއަން ޔޫރޯ ހަރަދުކޮށްފަ އެވެ. އެމާސަން އަލުން އަނބުރާ ޓީމަށް ގެނައުމަށްފަހު މިހާރު ބާސާއިން ވިސްނަމުން ދަނީ އޭނާ ވިއްކާލުމަށެވެ. އެއީ ކްލަބުގެ ހަރަދުތައް ކުޑަކުރުމުގެ އިތުރުން ޓީމަށް މިވަގުތު ފޯވާޑެއްގެ ބޭނުން ބޮޑުވީމަ އެވެ.
ބާސާގެ ކޯޗު ރޮނާލްޑް ކޫމަން ގަބޫލުކުރާ ގޮތުގައި މިވަގުތު ޓީމަށް މުހިންމީ ޑިފެންޑަރުންނަށް ވުރެ ފޯވާޑުންނެވެ. ޓީމާއި އަލަށް ގުޅުނު ސާޖިއޯ އަގުއެރޯ އާއި އޮސްމާން ޑެމްބެލޭ މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގަ އެވެ. އަދި އަންސޫ ފާޓީ އަނިޔާއިން ރަނގަޅުވެ ކުޅުމާއި ބައިވެރިވާން ފަށާފައިވީ ނަމަވެސް އޭނާ އަކީ ވެސް މިފަހުން ގިނަ އަނިޔާ ތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކުޅުންތެރިއެކެވެ.