ސްޕެއިންގެ އެންމެ ބޮޑު އެއް ކްލަބް ބާސެލޯނާއިން އެ ޓީމުގެ ޑިފެންޑަރު އެމާސަން "ޔޫސް" ކުރުމުން އޭނާ ހިތުގައި ޖެހިއްޖެ އެވެ.
އެމާސަން ބުނީ ބާސާއިން އޭނާ އާމެދު ކަންތައް ކުރި ގޮތުން ވަރަށް ދެރަވި ކަމަށެވެ.
މިދިޔަ ސީޒަނުގައި އެމާސަން ކުޅުނީ ލޯނު އުސޫލުން ރެއާލް ބެޓިސްއަށެވެ. އަދި މި ޓްރާންސްފާ މާކެޓުގައި ޖޫން މަހު ބާސާއިން ވަނީ 11 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ފަހު އެމާސަން އަނބުރާ އެ ޓީމަށް ގެންގޮސްފަ އެވެ. ނަމަވެސް ޓީމުގެ މާލީ ހާލަތު ތަން ނުދޭ ކަމަށް ބުނެ ބާސާއިން ވަނީ ޓްނާސްފާ މާކެޓުގެ އެންމެ ފަހު ދުވަހު 35 މިލިއަން ޑޮލަރަށް އެމާސަން ޓޮޓެންހަމަށް ވިއްކާލާފަ އެވެ.
ބާސާ އާއި އަލުން ގުޅުމަށް ފަހު އެމާސަން ވަނީ ތިން މެޗެއް ކުޅެފަ އެވެ. އަދި މި ތިން މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާ އެމާސަން ބުނީ ޓޮޓެންހަމަށް އޭނާ ވިއްކާލަން އުޅޭކަން ކްލަބުން ކުރިން އަންގާފައި ނުވާ ކަމަށާއި، އޭނާއަށް އެކަން އެނގުނީ ފަހު ވަގުތު ޓީމުގެ މެނޭޖުމެންޓުން އޭނާ އާއި ބައްދަލު ކުރުމަށް ފަހު އެ ވާހަކަ ދެއްކުމުން ކަމަށެވެ.
ޓީމުގެ މެނޭޖުމެންޓާއެކު ބޭއްވި ބައްދަލުވުމުގައި ބާސާއިން ފެށީ ޓީމުގެ މާލީ ހާލަތު ދަށް ވާހަކައިން ކަމަށާއި، އެމާސަން އެނބުރި އައި ވަގުތަކީ ޓީމުގެ ހާލަތު އެހާ ރަނގަޅު ދުވަސްކޮޅެއް ނޫންކަމުން އެންމެ ރަނގަޅު ގޮތަކީ އޭނާ ވިއްކާލުން ކަމަށް މެނޭޖުމެންޓުން ބުންޏެވެ.
"އަހަރެން ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށް ތަކުރާރުކޮށް ބުނިން. އެކަމަކު ވަކި ހިސާބަކުން އެނގިއްޖެ ވާހަކަ ތަކަކާއެކު ޓީމުން އަހަރެން ބޭރުކޮށްލާނެ ކަން" އެމާސަން ބުންޏެވެ. ބާސާ ދޫކޮށްލަން ނިންމީ އެހިސާބުން ކަމަށް އެމާސަން ފާހަގަކުރި އެވެ.
ބާސާ އާއި އަލުން ގުޅުނުއިރު ޓީމުން އޭނާ ވިސްނާލަން މަސައްކަތް ކޮށްފާނެ ކަމަށް ގަބޫލު ނުކުރާކަން ފާހަގަ ކުރަމުން އެމާސަން ބުނީ މިނޫން އެހެން ގޮތަކަށް މި މައްސަލަ ނިމެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.