އަންނަ އަހަރު ކުރީކޮޅު ރާއްޖޭގެ ދެ ސަރަހައްދެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދެ މަޝްރޫއުއެއް ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ފޯރަމް، "އިކޮނޮމިކް ޑައިލޮޖް ވިތް ދަ ޕްރެޒިޑެންޓް" ގައި އެސްއީޒެޑް މަޝްރޫއުތަކުން ލިބޭނެ ފައިދާއާ ބެހޭގޮތުން ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެސްއީޒެޑަށް ސަރުކާރުން ގެންނާނީ 500 މިލިއަނާއި އެއްބިލިއަން ރުފިޔާ ނޫނީ އެއްވުރެ ވެސް ބޮޑެތި އިންވެސްޓްމަންޓުތައް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދުގެ ވަރަށް ބޮޑަށް ފުޅާކޮށްދީ އުފެއްދުންތެރި މަސައްކަތްތައް އިތުރުވެގެން ދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެ މަޝްރޫއުތައް ފެށުމަށް ބޭރުގެ ކުންފުނިތަކަށް ދޫކުރާ ލައިސެންސް ފީ އިން އެކަނި ވެސް 100 މިލިއަން ރުފިޔާ ބޯނަސް ގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް ލިބޭނެ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ރާވައިފާވާ ގޮތުން މި މަޝްރޫއުތައް ހިނގުމަށް ޕްރޮޖެކްޓުތަށް ހިފާގެން އަންނަ އިރު އިތުރު އުންދަގުލެއް ނުޖަސައްސާ އެމަސައްކަތަށް ފަހިވާނެ މަގެއް ހަމަޖެއްސަން އެސްއީޒެޑ ގާނޫނު މިހާރު އޮތް ވަރުން ފުދެ އެވެ. އެގޮތުން އިންވެސްޓަރަކު ގެންނަ އިންވެސްޓުމަންޓަކަށް ބަލާފައި ފުރަތަމަ 10 އަހަރު 12 އަހަރު ގެ ޑިއުޓީ ސަރުކާރުން މާފުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން އިގްތިސާދީ އާ މަސައްކަތްތައް ފެށި ވަޒީފާގެ ފުރުސަތުތައް ފުޅާވެެގެން އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެގޮތުން އަޅުގަނޑު އިންމީދު ކުރަނީ 2016 ވަނަ އަހަރު ރާއްޖޭގެ ދެ ސަރަހައްދެއްގެ އެސްއީޒެޑް ގެ ލައިސެންސްގެ ދަށުން ދެ ޕާޓީއެއް ބޮޑުދެ މަޝްރޫއު ކުރިޔަށް ގެންދާނެ ކަމަށް. ބަޖެޓްގައި ވެސް އެގޮތަށް ބަލައިގެން އެކަން ޖަހާފައި އެ އޮތީ،" ރައީސް ވިދާޅުވި އެވެ.
އަދި އައިހެވަން އިން އެސަރަހައްދަށް އަންނާނެ ތަރައްގީއަށް އަލިއަޅުވާލައި ރައީސް ވިދާޅުވީ އައިހެވެން މަޝްރޫއުގެ މަސައްކަތް ކުރެވިއްޖެ ކަމަށް ވަނީނަމަ އެތަނުން އެތަށް ހާސް ވަޒީފާ ތަކެއް އުފެދިގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ކޮންމެ ސިނާއަތަކާއި އެކީ ބައިވަރު އެއާގުޅިގެންދާނެ އިންޑަސްޓްރީތަކެއް އުފެދިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.