ޕީޕީއެމް

އޯޑިއޯތަކުގެ މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ގޮވާލައިފި

Aug 31, 2021

ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯ ތަކުގެ މައްސަލައިގެ ހަގީގަތް އޮޅުވާލުމަށްޓަކައި ފަނޑިޔާރުންންނަށް ބިރުދައްކާ ނުފޫޒު ފޯރުވުމުގެ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެކަން އިދިކޮޅު ޕީޕީއެމް އިން ކުށްވެރިކޮށްފި އެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ސަރުކާރުގެ ފަރާތުން ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރުވާ ބިރު ދައްކާ ރަހީނުކޮށްގެން ކޮށްފައިވާ ހުކުމެއް ކަމަށް އާންމުވެފައިވާ އޯޑިއޯތަކުގައި ފަނޑިޔާރުން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އޯޑިއޯ ތަކާ ގުޅިގެން ޖޭއެސްސީން ކަންކުރަމުން ގެންދާ ގޮތުން އިދިކޮޅު ކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ.

"އެ އޯޑިއޯ ތަކަކީ އެއްވެސް އަސްލެއް ނެތް އޯޑިއޯ ތަކެއް ކަމަށް ދެއްކުމަށްޓަކައި އެ ފަނޑިޔާރުންނަށް އިތުރަށް ބިރު ދައްކާ ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ" ބަޔާނުގައިވެ އެވެ.

ލީކުވެފައިވާ އޯޑިއޯ ތަކުން ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ބެންޗުގައި ހިމެނޭ ފަނޑިޔާރުން "ކޮމްޕްރޮމައިޒް"ވެ އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަންކަން ހިނގާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ރައީސް ޔާމީނާ ދެކޮޅަށް ހެކި ބަސް ދީފައިވާ ބޭފުޅަކުވެސް، އެމަނިކުފާނާއި ދެކޮޅަށް ހެކިބަސް ދީފައިވަނީ ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށް ބުނާ އޯޑިއޯއެއް ހިމެނޭ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

މި ބަޔާނުގައި ވަނީ ފަނޑިޔާރުންގެ އޯޑިއޯގެ މައްސަލަ ބަލަނީ ކަމަށް ބުނެ، އެ ފަނޑިޔާރުންނަށް އިތުރަށް ބިރު ދައްކާ ރަހީނުކޮށް، ސިޔާސީ ނުފޫޒު ފޯރުވުމަށް ޖޭއެސްސީގެ މެންބަރުން ހިންގަމުން ގެންދާ ހަޑިމުޑުދާރު ޖަރީމާ މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ގޮވާލާފަ އެވެ. ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ކުރާނަމަ މިނިވަންކަމާއި އިންސާފުވެރިކަމާއެކު އަދި ހާމަކަން ބޮޑު ގޮތެއްގައި އެ ތަހުގީގު ހިންގުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

"ހަމައެއާއެކު، އެ ހުކުމް ކޮށްފައިވާ ފަނޑިޔާރުން އެމަނިކުފާނަށް ހުކުމްކޮށްފައިވަނީ، އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ގެއްލިގެން ތިބެކަމަށް އަމިއްލަ އިޢުތިރާފުން އެއްބަސްވެފައިވާތީ، ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް މުރާޖައާކޮށް، މިހާރުން މިހާރަށް ބާތިލްކޮށް އެމަނިކުފާނު މިނިވަން ކުރުމަށްވެސް ގޮވާލަމެވެ." އިދިކޮޅު ކޯލިޝަންގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

އާންމުވެގެން އުޅޭ އޯޑިއޯ ތަކަކީ ފަނޑިޔާރުންގެ އަސްލު އޯޑިއޯ ތަކެއް ނޫން ކަމަށް އޯޑިއޯތަކުގައި ވާހަކަދައްކަވާ ކަމަށް ބުނާ ފަނޑިޔާރުން ޖޭއެސްސީގައި ވިދާޅުވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.