ބޮޑެތި މަޝްރޫއުތަކަކާއި އެކީ ރާއްޖެއަށް އިންވެސްޓު ކުރުމަށް އަންނަ ބޭރުގައުމުތަކުގެ އިންވެސްޓަރުން އަންނަ އަދަދު އިތުރު ވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރޭ ދަރުބާރުގޭގައި އޮތް "އިކޮނޮމިކް ޑައިލޮޖް ވިތް ދަ ޕްރެޒިޑެންޓް" ފޯރަމްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ދިވެހި ރާއްޖެއަށް އަންނަ އިންވެސްޓަރުންގެ ކޮންފިޑެންސް އިތުރުކުރުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. ކަމަށާއި އަދި ބިރުވެރިކަން ފެތުރިފައިވާ ވެއްޓަކަށް އެއްވެސް އިންވެސްޓަރަކު އިންވެސްޓެއް ނުކުރާނެ ކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ ރާއްޖެއަކީ އަދިވެސް ދުނިޔެމަތީގައި އޮތް އަމާން ގައުމެއް ކަމަށް އިންވެސްޓަރުން ގަބޫލު ކުރާ ކަމަށެވެ. އަދި ރާއްޖޭގައި ބޭރުގެ ބައެއް ޕެންޝަން ފަންޑުތަކުން އިންވެސްޓް ކުރަމުން ގެންދަނީ އެ ސަަބަބާ ހުރެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިވަގުތު އަާޅުގަނޑު މި ވާހަކަ ދައްކާ އިރުވެސް ސޯވިއަން ވެލްތް ފަންޑުތަކުގެ ތެރެއިން ދިވެހިރާއްޖެއަށް އިނވެސްޓުކުރައްވަމުން ގެންދަވާ. އޭގެން ދައްކާދެނީ މި ހަލަބޮލި ދުނިޔޭގައި ވެސް މިހުރިހާ އަޑުތަކެއްގެ ތެރެއިން އަޅުގަނޑުމެންގެ މި ރީތި ރާއްޖެ ނުވަތަ މި ސުވަރުގެއެއް ފަދަ އަޖާބުވަނިވި ތަނަކީ އިންވެސްޓަރުންނަށް އަދިވެސް އެންމެ ރައްކާތެރި ތަން ގޮތުގައި މި ވަނީ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ފޮރިން އިންވެސްޓަރުން ރާއްޖެއަށް އަންނަ އަދަދު ގިނަ ވެއްޖެ ކަމަށާއި އަދި އެމައުލޫމާތު އޮޅުން ފިލުވަން ބޭނުންނަމަ ކޮންމެ މީހަކަށްވެސް އެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީ އިން ދެއްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގައި ވޭތުވެދިޔަ 11 މަހުގެ ތެރޭގައި ޓޫރިޒަމަށް 47 އިންވެސްޓްމަންޓް ރަޖިސްޓްރީކޮށްފައިވެ އެވެ. އެ އިންވެސްޓަމަންޓްތަކުން 1.056 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ހުށަހަޅާފައިވެ އެވެ. ޓޫރިޒަމްގެ ބޭރުން، ބޭރުން 32 އިންވެސްޓްމަންޓް ރަޖިސްޓްރީ ކުރި ކަމަށް ވެސް މިިސްޓްރީން ބުންޏެވެ. އެ އިންވެސްޓްމަންޓްތަކުން 166.7 މިލިއަން ޑޮލަރު ރާއްޖޭގައި ރަޖިސްޓްރީކުރަން ހުށަހެޅި ކަމަށާއި، ފާއިތުވި ދެއަހަރު ޖުމްލަ 55 ބޭރުގެ އިންވެސްޓްމަންޓް ރާއްޖޭގައި ރަޖިސްޓްރީ ކުރި ކަމަށެވެ.