ޕީޕީއެމް

ކުރީގެ އަމީން އާންމު ޕީޕީއެމަށް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަމީން އަމީން އަހުމަދު މުހައްމަދު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގެންފި އެވެ.

އަހުމަދު، ޕީޕީއެމާއި ގުޅިވަޑައިގެން ޕާޓީގެ މެންބާޝިޕް ފޯމް މިއަދު ވަނީ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާ ހަވާލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ޕީޕީއެމްގެ ނާއިބު ރައީސް މުހައްމަދު ޣައްސާން މައުމޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީޕީއެމުން ވަނީ އަހުމަދު އެ ޕާޓީއާ ގުޅިވަޑައިގަތުމުން މަރުހަބާ ވިދާޅުވެފައެވެ. އަހުމަދު ވަނީ 13 އަހަރު ވަންދެން މަޖިލީހުގެ އަމީން އާންމުކަން ކުރައްވާފައެވެ. ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އަހުމަދު މުހައްމަދު މީގެ ކުރީން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންފައެއް ނުވެއެވެ.

ޕީޕީއެމުން ދަނީ އެ ޕާޓީގެ މެންބަރުންގެ އަދަދު ލައްކައަކަށް އިތުރު ކުރުމަށް ވަރުގަދަ ކެންޕެއިން ހިންގަމުންނެވެ. އެ ކެންޕެއިންގެ ދަށުން އުތުރާއި ހުވަދޫ އަދި ދެކުނުގެ އައްޑޫއަށް ވަނީ ދަތުުރުކޮށްފައެވެ. މި ދަތުރުތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ ޕީޕީއެމަށް ސޮއިކޮށް މެންބާޝިޕް ފޯމް ޕާޓީއާ ހަވާލުކޮށްފައެވެ.