ދުނިޔެ

ޖަޕާނުން 2022 އަށް ހުށަހަޅާ ދިފާއީ ބަޖެޓް 50 ބިލިއަނަށް

ޖަޕާނުން 2022 ވަނަ އަހަރަށް ކަނޑައަޅާ ދިފާއީ ބަޖެޓް މިއަހަރަށް ވުރެ 2.6 ޕަސެންޓް ބޮޑުވާނެ ކަމަށް ދިފާއީ ވަޒީރު ވިދާޅުވެއްޖެ އެވެ.

ވަޒީރުގެ ވިސްނުންފުޅާ އެއްގޮތަށް އަންނަ އަހަރަށް ފާސްކުރަން ހުށަހަޅާ ދިފާއީ ބަޖެޓް 49 ބިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ޖަޕާނުން 2022 އަށް ކަނޑައަޅާ ޖުމުލަ ބަޖެޓް 1.01 ޓްރިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށް ކިޔޮޑޯ ނިއުސް އޭޖެންސީން ބުނެ އެވެ. މިއީ ޖަޕާނުގައި ޖެހިޖެހިގެން މިހާ ބޮޑު ބަޖެޓެއް ފާސްކުރާ ހަތަރުވަނަ އަހަރެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ދިފާއީ ބަޖެޓް ބޮޑުކުރުމުގައި ސަބަބުތަކެއް ހުރި ކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދީފައި އޮތީ އެފް35ގެ ހަނގުރާމަަމަތީ ޖެޓްތައް އިތުރުކުރުމަށެވެ. ދެވަނައަށް އެންމެ ބޮޑު އިސްކަމެއް ދީފައި އޮތީ ސަރަހައްދީ ގައުމުތަކުގެ މެދުގައި ޚިޔާލު ފުށުއަރާފައި ހުރި ރަށްތަކުގެ ސެކިޔުރިޓީއަށް ބޭނުންވާ އުޅަނދުތައް އިތުރުކުރުމެވެ. މިރަށްތައްކުގެ ތެރޭގައި ޖަޕާނާ ޗައިނާއާ ދެމެދު ވަކި ގޮތެއް ކަނޑަނޭޅި ހުރި ރަށްތައް ވެސް ހިމެނެ އެވެ.

ދިފާއީ ބަޖެޓް ބޮޑުކުރަން ޖެހިފައި އޮތް އަނެއް ސަބަބަކީ ޖަޕާންގެ ދިފާއުގައި ތިބި އެމެރިކާ ސިފައިންނަށް ކުރާ ހޭދަ އިތުރުވުން ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ފެންވަރު މަތިކުރަން ނިންމާފައި ހުރި އެފް15ގެ 70 ޖެޓު ޒަމާނީކުރުން ވެސް ހިމެނެ އެވެ.

އެމެރިކާއިން ބުނާ ގޮތުން ޖަޕާނަށް އެފް35ގެ 100 ފައިޓާ ޖެޓް 23.1 ބިލިއަން ޑޮލަރަށް ވިއްކަން ޕެންޓަގަނުން އޮތީ ނިންމާފަ އެވެ. މިއީ އެއްފަހަރާ ނަގުދު ފައިސާއިން ގަންނަ ޖެޓްތަކެއް ނޫން ނަމަވެސް ދިފާއީ ބަޖެޓްގައި ހިމަނަން ޖެހޭ އަދަދެކެވެ.