ލައިފްސްޓައިލް

ހަތް ދަރިންގެ މަންމަ ޒުވާން ކަމުން އަދިވެސް މީހުންނަށް އޮޅޭ

އުމުރުން ދުވަސްވާ ވަރަކަށް މީހާގެ ޒުވާން ވާހަކަ މީހުން ދައްކާނަމަ ކޮންމެ މީހަކުވެސް ވަރަށް އުފާވާނެތާ އެވެ. އެންމެ ދަރިއެއް ވިހެއުމަށްފަހު ވެސް ކުރިން ހުރި ގޮތަށް ހަށިގަނޑު ބެހެއްޓެނީ މަދު ބަޔަކަށެވެ.

އެހެންވެ ގިނަ މީހުން އެންމެ ކުއްޖެއް ލިބޭ އިރަށް އޭނާގެ އަސްލު އުމުރަށް ވުރެ މާ ދުވަސްވެފައިވާ ކަމަށް ދައްކަ އެވެ. ނަމަވެސް ހަތް ދަރިން ލިބިފައިވާ މި އަންހެން މީހާ ވަރަށް ތަފާތެވެ. އޭނާ މަޝްހޫރުވެގެން އުޅެނީ އުމުރުން ދުވަސް ވިޔަސް އޭނާގެ ޒުވާންކަމަށް ބަދަލެއް ނާންނާތީ އެވެ.

އެމެރިކާގެ އިޔޫޓާ ސްޓޭޓްގައި ދިރިއުޅޭ ޖެސިކާ އެންސްލޯގެ ހަތް ދަރިން އެބަ ތިއްބެވެ. އެ ހަތް ދަރިންގެ ތެރޭގައި 18 އަހަރުގެ ލޯރެން އާއި 26 އަހަރުގެ އެލީސާ ހިމެނެ އެވެ. ދެން ތިބީ ކުޑަ އަންހެން ކުއްޖަކާއި ހަތަރު ފިރިހެން ކުދިންނެވެ. އެލީސާ އާއި ލޯރެން އެކުދިންގެ މަންމައާ އެކު ފެންނަ ކޮންމެ މީހަކުވެސް ހީކުރަނީ އެއީ ތިން ބޭން ކަމަށެވެ.

ވަރަށް ބިޒީކޮށް އުޅެން ޖެހިފައިވާ މި މަންމަ ޓިކްޓޮކްގައި ޝެއާކުރާ ވީޑިއޯތަކުން އޭނާގެ އަމިއްލަ ދަރިން ލަދު ގަންނަ ވަރު ވެއެވެ. އަދި އުމުރުން މިހާރު 50 އަހަރު ފުރެން ކައިރިވެފައިވާ މަންމަ ޓިކްޓޮކަށް ވީޑިއޯ ނުލާން މި ކުދިން މަންމަ ކައިރީ އަބަދު ބުނެ އެވެ.

އޭނާގެ އަންހެން ދަރިންނާއެކު ނަގާފައި ހުންނަ ފޮޓޯތައް އިންސްޓަގްރާމްގައި ވެސް ޖެސިކާ ވަރަށް ގިނައިން ޝެއާ ކުރެ އެވެ. މި ފޮޓޯތައް ބަލާފައި އެންމެން ވެސް ބުނަނީ މިތަނުން މަންމަ އަކީ ކޮބައިކަމެއް ދަރިންނަކީ ކޮބައިކަމެއް ވަކިކުރަން ނޭނގޭ ކަމަށެވެ.

އިސްތަށިގަނޑު މުށިކުލައިގައި ހުންނަ ޖެސިކާ ފުރަތަމަ ކުއްޖާ ވިހެއީ 1994 ގައެވެ. އޭރު އޭނާ އަށް 19 އަހަރެވެ. އަދި 21 އަހަރުގައި 1996ގައި ދެ ވަނަ ދަރިއަކު ލިބުނެވެ. އޭގެ ފަހުން ފާއިތުވީ 19 އަހަރު ތެރޭގައި އިތުރު ފަސް ކުދިން އޭނާ އަށް ލިބިފައިވެ އެވެ. އެއީ ދެ މީހަކާ ކައިވެނި ކޮށްގެން ލިބިފައިވާ ކުދިންނެވެ. ޖެސިކާ އެންމެ ފަހުން ވިހެއީ 2013 ގައެވެ.

ޖެސިކާގެ ފުރަތަމަ ހަތަރު ދަރިންނަކީ ފުރަތަމަ ފިރިމީހާގެ ދަރިންނެވެ. އަނެއް ތިން ދަރިންނަކީ މިހާރު ކައިވެނިކޮށްގެން އުޅޭ މީހާގެ ދަރިންނެވެ.

ހަތް ދަރިން ވިހައި އެ ދަރިން ބަލާ ބޮޑުކުރުމުގެ ޒިންމާ އަދާކުރަން ޖެހުނަސް ޖެސިކާ ގަބޫލުކުރާ ގޮތުގައި ދަރިން ނުވިހާ އިރަށް ވުރެ އޭނާގެ ހަށިގަނޑު މިހާރު މާ ރީއްޗެވެ.

ޖެސިކާ ދަރިން ސްކޫލަށް ދިއުމުން ހަފުތާއަކު ތިން ދުވަހު ޖިމަށް ދެއެވެ. އަދި ކޮންމެ ހޯމަ ދުވަހަކު ވަރަށް ހެނދުނާ ތެދުވެ ކާޑިއޯ ހަދަ އެވެ.

ޖެސިކާ ބުނި ގޮތުގައި އޭނާ ކައި އުޅެނީ ޕްރޮޓީން ގިނަ ކާނާ އާއި މޭވާ އަދި ހޯލްގްރެއިން ކާބްސް އެވެ. އަދި ސްނެކްސް ކައި އުޅެނީ ވަރަށް މަދުންނެވެ. އަދި ދުވާލު ހަތަރުދަމު ވަރަށް އެކްޓިވްކޮށް އުޅެ އެވެ.