ބޮލީވުޑް

ޓީވީ ތަރި ރުބީނާގެ ފުރަތަމަ ފިލްމު "އަރްދް" ފަށައިފި

"ބިގް ބޮސް 14" ކާމިޔާބުކުރި ޓީވީ ބަތަލާ ރުބީނާ ޑިލައިކް ބޮލީވުޑަށް ތައާރަފްވާން ތައްޔާރު ވެއްޖެ އެވެ.

އޭނާ ބޮލީވުޑަށް ނުކުންނަނީ "އަރްދް" ކިޔާ ފިލްމަކުންނެވެ. އަންގާރަ ދުވަހު ރޫބީނާ ވަނީ ފިލްމުގެ ޕޯސްޓަރެއް ސޯޝަލް މީޑިއާގައި ޝެއާކޮށް ފިލްމުގެ ޝޫޓިން ފެށިކަން އިއުލާން ކޮށްފަ އެވެ.

މި ފިލްމުގައި ރޫބީނާއާ އެކު ހިތެން ތޭޖްވާނީ އާއި ރާޖްޕާލް ޔާދަވް އަދި ކުލްބޫޝަން ކަރްބަންޑާ ބައިވެރިވެ އެވެ.

މި ފިލްމަކީ މިއުޒިކް ކޮމްޕޯޒާ ޕަލާޝް މުއްޗަލް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އުފައްދާ ފުރަތަމަ ފިލްމެވެ. އަދި "އަރްދް"ގެ ވާހަކަ ލިޔެފައިވަނީ ވެސް އޭނާ އެވެ.

މުމްބައި ކަހަލަ ސިޓީއެއްގައި އެކްޓަރަކަށް ވާން މީހަކު ކުރާ ބުރަ މަސައްކަތާއި އޭނާއަށް ކުރިމަތިވާ މައްސަލަތައް "އަރްދް"ގައި ދައްކާނެ އެވެ.

ފިލްމުގައި ރާޖްޕާލް ޔާދަވް ކުޅެނީ ބަތަލަކަށް ވާހިތުން މުމްބައިއަށް ހިޖުރަކުރާ ޓްރާންސްޖެންޑާ މީހެއްގެ ރޯލެވެ. ރުބީނާ ކުޅެނީ ރާޖްޕާލްއަށް އެންމެ ބޮޑަށް އެހީތެރިވާ މީހާގެ ރޯލެވެ.