ލައިފްސްޓައިލް

އަނގަފާރާ ހެދި އެއްޗެއް ނުކެވިގެން އުޅެން ޖެހޭތަ؟

އަނގަފާރު އެޅުމަކީ ވަރަށް ވޭން ހުރި ކަމެކެވެ. އަނގައިގައި ގިނަ ފަހަރަށް ޖަހަނީ ކުޑަ ކުޑަ ފާރުކޮޅެއް ނަމަވެސް އެ ފާރުކޮޅާ ހެދި އެއްޗެތި ކައިބޮއި ހަދަން ވެސް ދަތިވާ ވަރު ވެއެވެ.

އަނގަފާރު އެންމެ ގިނައިން އުފެދެނީ ތުންފަތުގެ އަޑީ ބައިގަ އެވެ. ނުވަތަ ހިރުގަނޑާއި ކޮލާއި ކަރުތެރޭގަ އެވެ. އާންމުކޮށް އަނގަފާރުގެ އުނދަގޫވަނީ އަންހެނުންނާއި ފުރާވަރުގެ ކުދިން އަދި ބައްޔެއްގެ ސަބަބުން ފަސޭހައިން އަނގަފާރު އަޅާ މީހުންނަށެވެ.

ތިރީގައި މިވަނީ އަނގަފާރަށް ގޭގައި ތައްޔާރުކޮށްލެވިދާނެ ބައެއް ހޯމް ރިމެޑީޒް އެވެ.

އަނގަފާރަށް އެންމެ ރަނގަޅު އެކައްޗަކީ އެޕަލް ސިޑާ ވިނެގާ އެވެ. ވިނެގާގައި ހުންނަ އެސިޑުން އަނގައިގައި ހުންނަ އަނގަފާރު އަޅަން މެދުވެރިވާ ބެކްޓީރިއާތައް މަރާލަ އެވެ. ބައި ޖޯޑު ހޫނުފެނަށް އެއް މޭޒުމަތީ ސަމުސާ އެޕަލް ސިޑާ ވިނެގާ އަޅާފައި ކަރާއި އަނގަ މި ފެނުން ދޮވެލާށެވެ. ނުވަތަ ގޫގުލް ކޮށްލާށެވެ. ދުވާލަކު ދެ ފަހަރަކު މި ފަރުވާ ދިނުމުން ވަރަށް އަވަހަށް އަނގަފާރު ފަސޭހަ ވެއެވެ.

ކަރަންފުލަކީ ވެސް ބެކްޓީރިއާ މަރާ އެއްޗެކެވެ. އަދި ބަނޑުގައި ފާރު ހެދުމުން ވެސް ދުރުކޮށްދޭ އެއްޗެކެވެ. އަތް ފޯރާ ހިސާބުގައި ކަރަންފޫކޮޅެއް ބަހައްޓާށެވެ. އަދި ދޭތެރެއަކުން ކަރަންފުލެއް ކާލާށެވެ.

މާމުޔަކީ ވެސް އެންޓި-ބެކްޓީރިއަލް ޕްރޮޕަޓީޒް ހިމެނޭ އެއްޗެކެވެ. އަނގައިގައި ފާރުކޮޅެއް ޖަހައިފިނަމަ ކަފަ ބުރަކުން ފާރުކޮޅުގައި މާމުއިކޮޅެއް ޖަހާލާށެވެ. ވަރަށް އަވަހަށް ފަސޭހަ ވާނެ އެވެ.

އަލޫ ވެރާ އަކީ ވެސް އަނގަފާރަށް ރަނގަޅު އެއްޗެކެވެ. އަދި މިއީ ހަމަށް ވެސް ވަރަށް ރަނގަޅު ބާވަތެކެވެ. އަނގަފާރު އަޅައިގެން އުޅޭނަމަ އަލޫ ވެރާ ފަތަކުން ޖެލް ކޮޅެއް ނަގައިގެން ފާރުކޮޅުގައި ޖަހާށެވެ. އަލޫ ވެރާ އަކީ އެންޓިސެޕްޓިކް އަކަށް ވާތީ ވަރަށް އަވަހަށް ރާހަތް ލިބޭނެއެވެ.

އަނގަފާރަށް ރީނދުލަކީ ވެސް ވަރަށް ބަރާބަރު އެއްޗެކެވެ. މިއީ ފާރުކޮޅު ފަސޭހަ ކޮށްލަން އެންމެ އެކަށީގެންވާ އެއް ބާވަތެވެ. ކުޑަ ފެންފޮދަކާއި މުގުރާފައި ހުރި ރީނދޫކޮޅެއް އެއްކޮށްލައި ޕޭސްޓަށް ހެދުމަށްފަހު ފާރުކޮޅުގައި ޖަހާށެވެ. އަދި އިރުކޮޅެއް ވަންދެން ބަހައްޓާފައި އަނގަ ދޮވެލާށެވެ.

ގިތެލަކީ ވެސް އަނގަފާރަށް ވަރަށް މޮޅު އެއްޗެކެވެ. އިނގިލިކުރީގައި ގިތެޔޮކޮޅެއް ހާކާލާފައި އަނގައިގައި އިން ފާރުކޮޅުގައި ހާކާލާށެވެ. އިރުކޮޅަކު ބަހައްޓާލާފައި ރީތި ފެނުން އަނގަ ދޮވެލާށެވެ.