ދުނިޔެ

އަފްޣާންގައި ކަންކުރަންޖެހޭ ގޮތް ކިޔައިނުދޭނެ ކަމަށް އުއްމީދުކުރަން: ތާލިބާނުން

އަފްޣާންގައި ވެރިކަންކުރަން ޖެހޭނީ އެވެނި މިވެނި ގޮތަކަށް ކަމަށް ބުނެ ބައިނަލްއަގްވާމީ މުޖުތަމައުން ގޮތް ނުކިޔާނެ ކަމަށް އުއްމީދުކުރާ ކަމަށް ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވެއްޖެ އެވެ.

ޒަބީހުﷲ މުޖާހިދު ވިދާޅުވީ ތާލިބާނުން އެވެނި ހައްގެއް ހިމާޔަތްކޮށްފި ނަމަ ނުވަތަ މިވެނި ހައްގެއް ދަމަައްޓައިފި ނަމަ އަފްޣާންގައި ތާލިބާނުންނަށް ވެރިކަންކުރެވިދާނެ ކަމަށް އެއްވެސް ބަޔަކު ބުނާނެ ކަމެއް ނެތް ކަމަށާއި ތާލިބާނުން ހަނގުރާމަކުރީ ވެސް އަފްޣާން މިނިވަންކުރަން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ތާލިބާނުންނަކީ އެއްވެސް ބަޔަކަށް އަނިޔާވެރި ޖަމާއަތަކަށް ނުވާނެ އެވެ.

ދުނިޔޭގެ ގައުމުތަކުން ބުނަމުން ގެންދަނީ ތާލިބާނުންނާއެކު މުއާމަލާތްކުރަން ވަކި ގޮތެއް އަދި ކަނޑައެޅުން މާއަވަސް ކަމަށާއި ތާލިބާނުންނަކީ ވައުދަށް ކަމޭހިތާ ބައެއް ނޫން ކަމަށެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން އަދި ސިޔާސީ ލީޑަރުން ވިދާޅުވާ ގޮތުން ތާލިބާނުންނާއެކު މަޝްވަރާކުރަން ޖެހެ އެވެ. އެބޭފުޅުން ވިދާޅުވަނީ އަފްޣާންގައި ވެރިކަންކުރަނީ ތާލިބާނުން ކަމަށާއި އެޖަމާއަތާ މުއާމަލާތް ނުކޮށް ވަންނާނެ އެއްވެސް ތަނެއް ނެތް ކަމަށެވެ.

އެމެރިކާއިން ވެސް ވާހަކަދައްކާފައި އޮތީ ދާދި އެއްމޭރުމަކުންނެވެ. ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވީ ތާލިބާނުންނާއެކު މަޝްވަރާކުރާނެ ކަމަށާއި ބަހާ އަމަލާ ދިމާވާން ވާނެ ކަމަށެވެ.

ޗައިނާއިން ބުނަނީ އަފްޣާންގައި އިންވެސްޓްކުރަން އެއްވެސް ޝަރުތެއް ނެތް ކަމަަށާއި ބައިނަލްއަގްވާމީ މުޖުތަމައުގައި ބާކިނުވެ އޮތުމަށް ތާލިބާނުން ދަސްކުރަން ޖެހޭނެ ކަމަށެވެ.

ރަޝިއާއިން ބުނީ ގައުމެއްގެ ވެރިކަމުގައި ތިބޭއިރު ހަމަ ޚިޔާލު ތަފާތުވާއިރަށް ހަތިޔާރު އުފުލައިގެން ނުވާނެ ކަމަށާއި އަފްޣާންގެ އިގުތިސޯދު ކުރިއަރުވައި އުމްރާނީ ތަރައްގީއަށް އެހީތެރިވެދޭނެ ކަމަށެވެ.