އެމްއޭސީއެލް

ޔޫރަޕްގެ މަޝްހޫރު ބްރޭންޑް "ރިޗުއަލްސް" ލޯންޗުކޮށްފި

މޯލްޑިވްްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ޔޫރަޕްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "'ރިޗުއަލްސް" ލޯންޗުކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ބްރޭންޑް ތައާރަފްކޮށްދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސާ އޮފް ހިއުމަން ރިސޯސާސް އަހްމަދު އިބްރާހިމް އެެވެ.

"ރިޗުއަލްސް" ބްރޭންޑް މިއަދު ތައާރަފްކުރުމާއެކު އެ ބްރޭންޑްގެ އެކި ޕްރޮޑަކްސްޓަސްތައް އެއާޕޯޓުގެ އެރައިވަލް ޓާމިނަލް ކައިރީގައި ހުންނަ "ދޮވެމި" ފިހާރައިން ލިބޭނެ އެވެ. މީގެތެރޭގައި ސެންޓާއި، ބޮޑީ ކްރީމާއި، ހެއާ ޕްރޮޑަކްޓްސް، ބޮޑީ ސްކްރަބް، ސަން ސްކްރީންތައް ލިބޭނެ އެވެ.

ރިޗުއަލްސްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ރާއްޖޭގެ ސޯޝަލް މީޑިއާ އިންފުލުއެންސަރެއް ކަމަށްވާ އައިމިނަތު ޖުމާނާ ވެސް ވަނީ ހަމަޖައްސާފަ އެވެ.

ނެދެލަންޑްސް އަށް ނިސްބަތްވާ "ރިޗުއަލް" ބްރޭންޑްގެ ޕްރޮޑަކްޓަތައް 90 އަށް ވުރެ ގިނަ ގައުމުތަކުން ލިބެ އެވެ. އެ ބްރޭންޑު ވުޖޫދަށް އައީ ކުރީގެ އިރުމަތީ ޔޫރަޕް ގައުމުތަކުގެ ސަގާފަތުގެ ތެރެއިން އައި ހިޔާލުތަކުގެ ތެރެއިންނެވެ.

އެމްއޭސީއެލްގެ "ދޮވެމި" ފިހާރައިން މިހާރުވެސް ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކުގެ ޕްރޮޑަކްޓްސްތައް ލިބެ އެވެ. މީގެތެރޭގައި ސެންޓާއި، އައިނާއި އަދި ގަޑި ފަދަ ތަކެތި ހިމެނެ އެވެ.