ޖޭއެސްސީ

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރާނަން: މަބްރޫކް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުމުގެ ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާފައި އޮތް ގޮތަށް ބަދަލު ގެންނާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ދީފި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް ސޯލިހް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވައުދުވެވަޑައިގެންފައިވާ ކަމެކެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް ފެށުން ލަސްވެފައިވާ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

"ދެން މުއްދަތެއް އަޅުގަނޑަށް މިހެން ހުރެފައި ބުނާކަށް ނޭނގޭ. އެކަމަކު އެއީ ހަމަގައިމުވެސް މިދައުރުގެ ތެރޭގައި ކޮށް ނިންމާނެ ކަމެއް. ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ގެންނަން ޖެހޭ ބަދަލު ގެންނާނެ،" މަބްރޫކް ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވީ ޖޭއެސްސީ އަށް ބަދަލު ގެންނާނީ އެންމެންނަށް އިތުބާރު ހިފޭ ގޮތަކަށް ކަމަށެވެ. އެ ބަދަލު ގެނައުމަށް ގާނޫނީ ދާއިރާގެ ފަންނުވެރިންގެ ލަފާ ރައީސް ސޯލިހު ހޯއްދަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމަކީ ބޮޑު ކަމެއް ކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ބޭނުންވާނަމަ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ގާނޫނުއަސާސީގެ 158 ވަނަ މާއްދާގައި ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ކޮމިޝަންގައި ހިމެނެނީ 10 މެންބަރުންނެވެ.

ޖޭއެސްސީގައި މެންބަރުން ހިމެނޭ ގޮތް

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު
  • ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކު
  • ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓު ތަކުން އިންތިހާބު ކުރާ ފަނޑިޔާރަކު
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު
  • އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު
  • ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު
  • ބަންޑާރަނައިބު
  • ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ ގާނޫނީ ވަކީލަކު

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރާނަމަ ގާނޫނުއަސާސީ އިސްލާހުކުރަންޖެހޭނެ އެވެ. ގާނޫނުއަސާސީގެ 261 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށެވެ.