ހަބަރު

ޖޭއެސްސީގެ މެންބަރަކަށް ހިސާން އައްޔަން ކުރައްވައިފި

Jun 3, 2019

ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރަކަށް ރައްޔިތުން މަޖިލީހުގެ ތުޅައިދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އައްޔަން ކުރަައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ހަފްލާގައި ހިސާން ވަނީ ޖޭއެސްސީ މެންބަރު ކަމުގެ ހުވާ ކުރައްވައިފަ އެވެ. ހިސާންއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެވެ. އެއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖޭއެސްސީ މެންބަރު ކަމުގެ ލިޔުން ވެސް ހިސާންއަށް އަރުވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރާ މެންބަރުގެ ގޮތުގައި ހިސާން އައްޔަން ކުރަން މަޖިލީހުން ފާސް ކުރީ މިދިޔަ ބުދަ ދުވަހު އެވެ.

އިނގިރޭސިވިލާތުން ގާނޫނީ ދާއިރާގެ މާސްޓާސް ހާސިލުކުރައްވާފައިވާ ހިސާން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެޓާނީ ޖެނެރަލްގެ އޮފީހުގަ އެވެ. އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. މިދިޔަ ސަރުކާރުގައި ޖަލު ހުކުމްތަކާއި ބަންދުތަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ސިޔާސީ ބައެއް ލީޑަރުންނާއި ދައުލަތުގެ އިސް މަގާމުތައް އަދާކުރެއްވި ބޭފުޅުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހިސާން ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.

ޖޭއެސްސީ އެކުލެވިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެންބަރަކު އިންނަވަ އެވެ. އެގޮތުން ރައީސް ނަޝީދަކީ ވެސް މިހާރު ޖޭއެސްސީގެ މެންބަރެކެވެ. އޭގެ އިތުރުން ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މީހެކެވެ.