ސްޕޭނުގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކްގެ ފެންވަރަށް އަންނަން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް އެތައް މިލިއަން މޭލެއް ހުރަސްޖެހޭކަމަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޕޯލް ސްކޯލްސް ބުނެފި އެވެ.
އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ޕީއެސްވީ އެއިދޯވަންއާ ބައްދަލުކުރި މެޗު ރޭ 0-0އިން އެއްވަރުގެ މުބާރާތުގެ ދެ ވަނަ ބުރަށްދިއުމަށް ހުރަސްތަކެއް ކުރިމަތިވި މެޗަށް ފަހު އެވެ.
ސްކޯލްސް ބުނީ ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ފަރުވާ ކުޑަ ކުޅުމެއް ކަމަށެވެ.
"އެންމެ ކުރިއަށް ކުޅެނީ އެންތަނީ މާޝިއަލް. އޭނާ އަށް ވަރިހަމަ ކިތަންމެ ފުރުސަތެއް ބޭކާރުވިޔަސް. އަދި އޭނާ އަށް ވަރިހަމަ ގޯލެއް ޖެހުނަސް. އެކަމަކު އެންމެ އިސްކޮށް ހުންނަ ފޯވަޑަކު އަބަދުވެސް ވިސްނަންޖެހޭނި ގޯލު ޖަހަން. އެމީހެއްގެ ދިރިއުޅުމަކީ ގޯލު ޖެހުން. އެކަމަކު މާވަރިހަމަކޮށް ފެނުނީ،" ސްކޯލްސް ބުންޏެވެ.
އޭނާ އަދި ބުނީ ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން ސީރިއަސްކަން ފެނުނީ ކުޑަކޮށް ކަމަށާއި ޖެނުއަރީ ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުންތެރިން ގަތުމަށް މިހާރު މަޖުބޫރުވަމުންދާ ކަމަށެވެ.
ކުޅުންތެރިންނާ މެދު ކޯޗު ވެސް ހިތްހަމަނުޖެހިފައި
މެޗަށް ފަހު ކޯޗު ލުއިސް ވެންހާލް ބުނީ ކޮންމެ މެޗަކަށް ފަހު މީޑިޔާގެ ކުރިމަތީގައި މިއަދު ގޯލު ނުޖެހުނީއޭ އޭނާ އަށް ވެސް ނުބުނެވޭނެ ކަމަށެވެ.
"ހަގީގަތަކީ އަހަރުމެންނަށް ފުރަތަމަ ހާފުގައި ވެސް އަދި ދެ ވަނަ ހާފުގައި ވެސް ގޯލެއް ނުޖެހުނުކަން. އަހަރުމެން ތިބީ ބޯޅަލިބުނީމަ ކުޅެގަންނަން ޖެހިލުންވެފައި. ބިރުން. އެކަމަކު މިއީ މިކަން ވާންޖެހޭ ގޮތެއްނޫން. ކޮންމެ މެޗަކަށްފަހު ދޭ އިންޓަވިއުގައި އަހަންނަކަށް ވެސް ނުބުނެވޭބެ މިއަދު ގޯލު ނުޖެހުނީއޭ މޮޅުނުވުމުގެ ސަބަބަކަށް،" ކޯޗު ބުންޏެވެ.
ނަމަވެސް އޭނާ ބުނީ އިދިކޮޅު ޓީމު ގޯލެއް ޖެހިޔަނުދިން ކަމީ މެޗުގައި ކުރެވުނު ރަނގަޅު ކަމެއް ކަމަށެވެ.
ޓީމު ޕްރެޝަރަށް
މި ނަތިޖާގެ ސަބަބުން ޔުނައިޓެޑަށް ދެ ވަނަ ބުރުގެ ޖާގަ ޔަގީންކުރެވޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ގްރޫޕުގެ އެއްވަނަ ޓީމު ވުލްފުސްބާގް ބަލިކުރާށެވެ. ޔުނައިޓެޑް މިވަގުތު ތާވަލުގެ ދެ ވަނާގައިވަނީ އަށް ޕޮއިންޓާއެކުގަ އެވެ. ޓޭބަލުގެ ފުލުގައިވާ ސީއެސްކޯ މޮސްކޯ އަތުން ރޭ 2-0އިން މޮޅުވި ވުލްފުސްބާގް އެއްވަނާގައިވަނީ އަށް ޕޮއިންޓާއެކުގަ އެވެ. އަދި ޕީއެސްވީ ތިން ވަނާގައިވަނީ ހަތް ޕޮއިންޓާއެކުގަ އެވެ.