މުހައްމަދު މަބްރޫކް އަޒީޒް

ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ފަށަން ޓީމެއް އަންނަނީ

Sep 1, 2021
1

ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ރާއްޖޭގައި ހަދާ ފުރަތަމަ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށްޓަކައި އަންނަ ހަފްތާގެ ތެރޭގައި ރާއްޖެއިން ބޭރުގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އެވެ.

ކެންސަރުގެ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް އެޅުމަށް މިސަރުކާރުން ނިންމާފައިވަނީ ލ. ގަމުގަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކަން އިއުލާން ކުރެއްވީ އެމަނިކުފާނު ގަމަށް ކުރެއްވި ދަތުރުފުޅެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ.

ހޮސްޕިޓަލާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ އެ މަސައްކަތާ ގުޅުންހުރި ޓީމެއް އަންނަ ހަފްތާ ރާއްޖެ އަންނަ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެ ޓީމު ރާއްޖެ އަންނަނީ އެ މަޝްރޫއުގެ ޑީޓެއިލް ޕްރޮޖެކްޓް ރިވިއުއެއް ހެދުމަށް ކަމަށާއި، އޭގެފަހުން މަޝްރޫއު ކުރިއަށް ގެންދިއުމާ ގުޅޭ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރައީސް ސޯލިހް މީގެކުރިން ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ލ. ގަމުގައި ހެދުމަށް ނިންމާފައިވާ ކެންސަރު ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލްގެ ކަމާ ގުޅޭ ލިޔުންތަކާއި މައުލޫމާތު އިންޑިއާ ސަރުކާރާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

ކެންސަރު ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލެއް ގަމުގައި ހެދުމަށް ނިންމާފައިވާ ކަމަށް ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް މީގެކުރިން ވިދާޅުވެފައިވެ އެވެ.

ކެންސަރު ބަލިތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލް އެޅުމަށް ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ހުޅުމާލޭގަ އެވެ. ނަމަވެސް ސަރުކާރުގެ ވިސްނުމަކީ ސިއްހީ ހިދުމަތްތައް ވެސް ލާމަރުކަޒު ކުރުން ކަމަށްވާތީ އެ ހޮސްޕިޓަލް ގަމުގައި އެޅުމަށް ފަހުން ނިންމެވީ އެވެ.