ދުނިޔެ

އަލްގައީދާއިން ތާލިބާނުންނަށް މަރުހަބާ ކިޔައި ކަޝްމީރު މިނިވަންކުރަން ގޮވާލައިފި

އަފްޣާނިސްތާންގައި ތާލިބާނުން ހޯދި ކާމިޔާބީއަށް އަލްގައީދާއިން މަރުހަބާކިޔައި ބަޔާނެއް ނެރެފި އެވެ.

އަލްގައީދާއިން ބުނެފައިވާ ގޮތުން ތާލިބާނުން ހޯދީ ތާރީޚީ ކާމިޔާބެކެވެ. މިބަޔާނުގައި ކަޝްމީރު މިނިވަންކުރަން އަލްގައީދާ އިން ވަނީ ގޮވާލާފަ އެވެ. ފަލަސްތީނާއި ސޯމާލިއާ ވެސް މިނިވަންކުރަން ޖެހިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"...އެމެރިކާގެ މުށުތެރެއިން އަފްޣާނިސްތާން މިނިވަންކުރި ގޮތަށް ފަލަސްތީންގެ ބިންތަކުން ޒައިނިސްޓް ޔަހޫދީން ބާލައި މިނިވަންކުރަން ގޮވާލަން،" ބަޔާނުގައިވެ އެވެ.

ތާލިބާނުންގެ ހިތްވަރަށް އައްގައީދާ އިން އުފާކުރާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ޔަމަނާއި ކަޝްމީރު އަދި ސޯމާލިއާ ފަދަ އިސްލާމުންގެ ބިންތައް މިނިވަންކޮށްދިނުމަށް ވެސް ތާލިބާނުންގެ ކިބައިން އަލްގައީދާ އެދިފައިވެ އެވެ.

އެމެރިކާގެ ރައީސް މިދިޔަ މަހު ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުން އަލްގައީދާ އަކީ މިހާރު ވުޖޫދުގައި ނެތް ބައެކެވެ. އެހެން ނަމަވެސް ތާލިބާނުން އަފްޣާނިސްތާން އަތްދަށުލުމާ ގުޅިގެން ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވީ އަލްގައީދާގެ ޒަމާން ހިނގައްޖެ ކަމަށް ބަލައިގެން ތިބެވެން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އަލްގައީދާގެ ސިއްކަތައް އަފްޣާނުން އަދި ވެސް ފެންނަ ކަމަށެވެ.

އަލްގައީދާގެ ބަޔާން އެންމެ ފުރަތަމަ އާންމުކުރީ ސައިޓް އިންޓެލިޖެންސް ގުރޫޕުންނެވެ. މިއީ ދުނިޔޭގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތައް ލިސްޓްކޮށް އެމީހުން އުޅޭ ނޫލޭ ގޮތް ބަލައި ސިއްރިއްޔާތުގައި ޓްރެކްކުރާ ގުރޫޕެކެވެ.

ތާލިބާނުންގެ ކިބައިން ކަޝްމީރު މިނިވަންކޮށްދިނުމަށް އަލްގައީދާއިން އެދިފައިވާ އެދުމަށް އިޝާރާތްކުރައްވައި ތާލިބާނުންގެ ތަރުޖަމާން ސުހައިލް ޝަހީމް ވިދާޅުވީ އެހެން ގައުމެއްގެ ތަބީއަތާ ކުޅުމަކީ ތާލިބާނުންގެ އެޖެންޑާގައި އޮތް ކަމެއް ނޫން ކަމަށެވެ.

އަލްގައީދާގެ ބާޔާނުން ދޭހަވަނީ އެ ޖަމާއަތުގެ ބާރު ދުނިޔެއިން ނުކެނޑޭ ކަމެވެ. އަނެއްކޮޅުން ތާލިބާނުންނަށް މަރުހަބާ ކިޔައި އުފާކުރާކަން ހާމަކުރުމުން ދޭހަަވަނީ އަލްގައީދާއާ ތާލިބާނުންނާ ދެމެދު ސިއްރިއްޔާތުގައި ނަމަވެސް ގުޅިފައި އޮންނަ ކަމެވެ.

ތާލިބާނުންގެ ވާހަކަތަކުން އަލްގައީދާއާ އަޅާލާކަން ދޭހަނުވި ނަމަވެސް އަލްގައިދާ އަކީ ތާލިބާނުން ބަލައިނުގަންނަ ޖަމާއަތެއް ކަމަކަށް ނުބުނެ އެވެ.