ލައިފްސްޓައިލް

ސިހުރު ހަދައިގެން ލޯބިވެރިޔާ އަނބުރާ ހޯދަން އުޅެނިކޮށް ބޮޑު ލަނޑެއް

ލޯބިވެރިޔާ ރުޅިވީމަ ބައެއް މީހުން ސިކުނޑި ސުމަކަށް ދެއެވެ. އަދި އަލުން ލޯބިވެރިޔާ ހޯދަން އެމީހަކަށް ކުރެވުނުކަމެއް ކުރެ އެވެ. އިންޑިއާގެ ގުޖްރާތުގެ ވިޔަފާރިވެރިއަކަށް ވެސް މީހަކު ބޮޑު ލަނޑެއް ދިނީ މިފަދަ ގޮތަކަށް ލޯބިވެރިޔާ އަލުން ހޯދަން އުޅެން ހަދައިގެންނެވެ.

ލޯބިވެރިޔާ ގުޅުން ކަނޑާލައިގެން ހަދާނެގޮތް ހުސްވެގެން މި މީހާ ސިހުރުހާހޫރަ ހަދާ މީހެއް ކައިރިއަށް ގޮސް އެމީހާގެ އެހީތެރިކަމަށް އެދުނެވެ. ކޮންމެހެން ހަދާފައިވެސް ލޯބިވެރިޔާއާ އަލުން ގުޅެން ބޭނުންވެގެންނެވެ. ނަމަވެސް އެތައް މަހެއް ވަންދެން އެ މީހާ ސިހުރާއި ފަންޑިތަ ހަދައި ކިޔެވެލި ކިޔަވައިގެން ވެސް މި ފިރިހެން މީހާގެ ކުރީގެ ލޯބިވެރިޔާގެ ލޯބި އަނބުރާ ލިބޭ ގޮތެއް ނުވި އެވެ. އޭގެ ބަދަލުގައި ސިހުރު ހަދާ މީހާ އޮޅުވާލައިގެން ވިޔަފާރިވެރިޔާ އަތުން 43 ލައްކަ ރުޕީސް އަތުލައި އެމީހާއަށް ވަނީ ލަނޑު ދީފަ އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި އަޖޭ ޕަޓޭލް ނަމަކަށް ކިޔާ 28 އަހަރުގެ މި ވިޔަފާރިވެރިޔާގެ ލޯބިވެރިޔާ ކުއްލިއަކަށް އޭނާއާ ވާހަކަ ދެއްކުން ހުއްޓާލައި ގުޅުން ކަނޑާލުމުން އޭނާއަށް ހަދާނެ ގޮތް ހުސްވެގެން އުޅެނިކޮށް ރާހިބަލާ ސިހުރު ހަދާ މީހެއް ކަމަށްވާ އަނިލް ޖޯޝީގެ އެހީ ހޯދަން އޭނާ ކައިރިއަށް ދިއުމަށް ރައްޓެއްސަކު މަޝްވަރާ ދީގެން އެމީހާގެ ކައިރިއަށް ދިޔައީ އެވެ.

އަޖޭ ދެން ޖޯޝީގެ ކައިރިއަށް ގޮސް އޭނާގެ އެހީއަށް އެދުމުން ޖޯޝީ އެބަލާ ގޮތަކަށް ބަލާފައި އަޖޭގެ ކުރީގެ ލޯބިވެރިޔާއަށް މީހަކު ސިހުރު ހަދައި އޭނާ އާ ދުރުކޮށްފައިވާ ކަމަށާއި އެ ސިހުރުގެ މައިތިރި ހަދައިގެން ލޯބިވެރިޔާ އަނބުރާ ހޯދިދާނެ ކަމަށް ބުންޏެވެ. އަދި އަޖޭ އެކަން ކޮށްދޭން އެދުމުން ސިހުރު ހަދަން ނަމުގައި އެކި ދުވަސް މަތިން ގިނަ އަދަދެއްގެ ފައިސާ ޖޯޝީ ވަނީ އަޖޭ އަތުން އަތުލާފަ އެވެ.

އަޖޭ ފުރަތަމަ ފަހަރަށް ސިހުރު ހަދާ މީހާއަށް ފައިސާ ދިނީ މޭ 2020 ގައެވެ. އެ ފަހަރު ދިނީ 72،000 ރުޕީސް އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އެކި އަދަދަށް ފައިސާ ދެމުން ގޮސް 43 ލައްކަ ރުޕީސް ދިން އިރުވެސް އެއްވެސް ނަތީޖާއެއް ނުފެނުނެވެ. ސިހުރު ހަދާ މީހާ މަކަރުން އޭނާއަށް އޮޅުވާލައިގެން ފައިސާ ހޯދަނީކަން އަޖޭ އަށް ޔަގީންވީ އެހިސާބުންނެވެ.

އޭނާ އަތުން އަތުލި ފައިސާ އަނބުރާ ދޭން އަޖޭ އެ މީހާ ކައިރީ ބުނުމުން އެކިއެކި ކަންކަން ކުރާނެ ކަމަށް ބުނެ ބިރު ދައްކައި ފައިސާއެއް ނުދިނެވެ. އެންމެ ފަހުން އަޖޭ ޕޮލިސް ސްޓޭޝަނަށް ގޮސް ސިހުރު ހަދާ މީހާއާ ދެކޮޅަށް މައްސަލަ ހުށަހެޅީ އެވެ. އަޖޭގެ އަތުގައި ޖޯޝީއާ ދައްކާފައިވާ ވާހަކަތަކުގެ 400 އަށް ވުރެ ގިނަ އޯޑިއޯ ރެކޯޑިން ހުއްޓަސް ފުލުހުން އަދިވެސް ޖޯޝީ ހައްޔަރެއް ނުކުރެ އެވެ.