އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރި ކުރުމަށްޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން، ކޯޑިން ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް "ގާލްސްޓުކޯޑު ކުޅުދުއްފުށި" ފަށައިފި އެވެ. މި ޕްރޮގްރާމް ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގަ އެވެ.
ޕްރޮގްރާމްގެ ފެށުމުގެ ރަސްމިއްޔާތު ބޭއްވީ ވާޗުއަލް އިވެންޓެއް މެދުވެރިކޮށެވެ. މި އިވެންޓުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ އިތުރުން ޕްރޮގުރާމްގެ ދަރިވަރުން ބައިވެރިވި އެވެ.
އޮންލައިންކޮށް ގެންދާ މިޕްރޮގްރާމް ކުރިއަށްދާނީ ދެ މަސް ދުވަހަށެވެ. ޕްރޮގްރާމްގައި ކުދިންނަށް އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެ އެވެ. އަދި ޕްރޮޖެކްޓް މެނޭޖްކުރުމާއި އަދި ވެބް ޑިވެލޮޕްމެންޓާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މެންޓާސްގެ ގޮތުގައި މިދާއިރާގެ ފަންނީ މީހުން ވެސް ބައިވެރިވާނެ އެވެ.
ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓާ ކޯޕަރޭޓް ސާވިސަސް އާތިފާ ވިދާޅުވީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ބާރުވެރިކުރުމަށް ހިތްވަރު ދިނުމަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގައި ހާއްސަ އަހައްމިޔަތުކަމެއްދޭ ދާއިރާއެއް ކަމަށެވެ. އަދި ގާލްސް ޓު ކޯޑް ތިންވަނަ ސީރީސް ފެށިގެންދާއިރު ކޮންމެ އަހަރަކުވެސް މިޕްރޮގްރާމަށް ލިބޭ ތަރުހީބު އިތުރުވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"މީގެން ދޭހަވަނީ މިދާއިރާއަށް އަންހެން ކުދިންގެ ޝައުގުވެރިކަން ވެސް އިތުރުވަމުން ދާކަން. މިއީ ދިރާގުން ހާއްސަކޮށް ފާހަގަކޮށް އުފާ ކުރާކަމެއް." އާތިފާ ވިދާޅުވި އެވެ.
މި ޕްރޮގްރާމް ކުޅުދުއްފުށީގައި ބޭއްވުމަށް އެ ރަށުން ލިބުނު ތަރުހީބާއި އެކި ފަރާތްތަކުން ދިން އެއްބާރުލުމަށް ވިމެން އިންޓެކް މޯލްޑިވްސް އިން ޝުކުރު އަދާ ކުރެ އެވެ.
ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ ހިންދު އަލީ ވިދާޅުވީ ކޯޑިން ފަދަ ޓެކް ހުނަރަކީ ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔެ ކުރިއަރާ ސްޕީޑްގައި ފައިހަމަ ކުރުމަށް ބޭނުންވާ މުހިއްމު ހުނަރެއް ކަމަށެވެ. ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ ކޯޑިން ދަސްކުރުމަށް އެޅޭ ބިންގަލެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިމެން އިން ޓެކްގެ އުއްމީދަކީ ޕްރޮގްރާމްގެ ބައިވެރިން ކޯޑިންނަށް އޮތް ޝައުގުވެރިކަން ދެމަހައްޓައި ދަސްކުރުމުގައި ދެމިތިބުން ކަމަށާއި އަދި ދަސްކުރާ ހުނަރުތައް އާންމު ދިރިއުޅުމުގައިވެސް ބޭނުންކުރުވުން ކަމަށެވެ.
ކުޅުދުއްފުށީގައި ކުރިއަށްދާ ޕްރޮގްރާމަކީ މި ސީރީސްގެ ތިން ވަނަ ޕްރޮގްރާމެވެ. ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 2019 ވަނަ އަހަރު ޏ. ފުވައްމުލަކު ގައެވެ. އަދި ދެވަނަ ޕްރޮގްރާމް ހިންގާފައިވަނީ 2021 ވަނަ އަހަރު ގދ. ތިނަދޫގަ އެވެ.