ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް ޑޭޓާ ލިޓްރަސީ އިނީޝިއޭޓިވްއެއް އިއުލާނުކޮށްފި އެވެ.
ދިރާގުން ބުނީ "ގާލްސް އިން ޑޭޓާ"ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މިއަދުގެ ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާގެ މުހިއްމުކަން އަންހެން ކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމުގައި ޑޭޓާ އެއްކުރުމާއި، އޭގެން މާނަ ދޭހަކުރުމާއި، ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް އެ ކުދިންނަށް ދަސްކޮށްދޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނި ގޮތުގައި މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ. މި ޕްރޮގްރާމުގެ ފުރުތަމަ އެޑިޝަން އަމާޒުކުށްފައިވަނީ މާލެ ސަރަހައްދުގެ ގްރޭޑް ފަހަކާއި ހަތެއްގެ (10 އަހަރާއި 13 އަހަރާ) ދެމެދުގެ އަންހެން ކުދިންނަށެވެ.
މި ޕްރޮގްރާމް ދޮޅު މަސްދުވަހަށް ދެމިގެންދާއިރު ކުލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.
ޑޭޓާ ބޭނުންކުރުމުގެ އަސްލު މިސާލުތަކާއި، ރާއްޖޭގެ ބައެއް ޑޭޓާ އިންޓެންސިވް އިދާރާތަކަށް ފީލްޑް ޓްރިޕްތައްވެސް މި ޕްރޮގްރާމުގައި ހިމަނާފައިވާނެ ކަމަށް ދިރާގުން ބުންޏެވެ. އޭގެ ސަބަބުން ބައިވެރިންނަށް ޑޭޓާ ބޭނުންކުރާ އަސްލު ހާލަތުތަކުގެ ތަޖުރިބާ ލިބޭނެ ކަމަށް ވެސް ބުންޏެވެ.
މި ޕްރޮގްރާމަށް ރަޖިސްޓްރީ ކުރުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފަ އެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ވިމެން އިންޓެކްގެ ވެބްސައިޓް މެދުވެރިކޮށް އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފީއެއް އެއް ނުނަގާނެ އެވެ.
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން މީގެ ކުރިންވެސް އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދިނުމުގެ މަގްސަދުގައި ގާލްސް ޓު ކޯޑްގެ ނަމުގައި ކޮންމެ އަހަރަކުވެސް ޕްރޮގްރާމެތަކެއް ހިންގާފައިވެ އެވެ.
ގާލްސް ޓު ކޯޑް ޕްރޮގްރާމްގެ ދަށުން މިހާރުވެސް ތިން ޕްރޮގްރާމެއް ވަނީ ހިންގާފަ އެވެ. ހަމަ އެފަދައިން "ގާލްސް އިން ޑޭޓާ" ޕްރޮގްރާމްގެ އިތުރު ބުރުތައް ރާއްޖޭގެ އެކި ސަހަރައްދުތަކުގައި ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް ދިރާގާއި ވިމެން އިން ޓެކްއިން އުންމީދުކުރާ ކަމަށް ދިރާގުން ބުނެ އެވެ.