ދިރާގު

އަންހެނުން ބާރުވެރިކުރަން ދިރާގުން އައިއެފްސީއާ ގުޅިއްޖެ

މަސައްކަތުގެ މާހައުލުގައި އަންހެނުން ބާރުވެރި ކުރުމަށް ދިރާގުން އިންޓަނޭޝަނަލް ފައިނޭންޝަލް ކޯޕަރޭޝަން (އައިއެފްސީ)އާ ގުޅިގެން ޖެންޑާ އެޑްވައިޒަރީ ޕްރޮގްރާމެއް ތައާރަފު ކުރުމުގެ މަސައްކަތްތައް ފަށައިފި އެވެ.

ދިރާގުން މިހާރުވެސް އަންނަނީ މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު އައިއެފްސީއާއި ގުޅިގެން ދިރާގުން ކުރިއަށް ގެންދާ މަސައްކަތަކީ އެ ކުންފުނީގެ ޖެންޑާ އެކްޝަން ޕްލޭން ހަރުދަނާކުރުމާއި ވިޔަފާރީގެ ދާއިރާއިން އިތުރު ފުރުސަތުތައް ހަމަހަމަކަމާއެކު ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ މި ޕާޓްނާޝިޕްގެ ސަބަބުން އެ ކުންފުނިން މި އަހަރުގެ ކުރީކޮޅު ތައާރަފުކުރި ޖެންޑާ އެކްޝަން ޕްލޭން ހަރުދަނާވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނީގެ ތެރޭގައި ޓެކްނިކަލް، ނޮން ޓެކްނިކަލް ރޯލުތަކާއި ލީޑަރުންގެ ގޮތުގައި އަންހެނުން ކުރިއެރުވުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

(އައިއެފްސީއާ އެކު ހެދި ޕާޓްނާޝިޕާ ގުޅޭގޮތުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ ޖެންޑާ އެކްޝަން ޕްލޭން ފުރިހަމަކުރުމަށް އައިއެފްސީން ދެމުން ގެންދާ އެއްބާރުލުން ދިރާގުން އަބަދުވެސް ފާހަގަކުރާ ކަމަށެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި މި ގުޅުމަކީ އައިއެފްސީގެ ތަޖުރިބާގެ ބޭނުން ހިފައި، އަޅުގަނޑުމެންގެ އާ އެންވަޔަރަންމެންޓަލް، ސޯޝަލް އެންޑް ގަވަނަންސް (އީއެސްޖީ) ފަންކްޝަން ހަރުދަނާ ކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް،" އިސްމާއިލް ވިދާޅުވި އެވެ.

އައިއެފްސީ އަކީ އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް ދިނުމަށް ބާރުއެޅުމަށާއި މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ރައްކާތެރި މާހައުލެއް ކަމަށް ކަށަވަރުކުރުމަށް މަސައްކަތް ކުރާ ބައެކެވެ. ޕްރައިވެޓް ސެކްޓަރުގައި މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އައިއެފްސީ އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އައިއެފްސީ އިން ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަލެހަންޑްރޯ އަލްވަރޭޒް ޑި ލާ ކެމްޕާ ވިދާޅުވީ އެ ކުންފުނީގެ ވިޔަފާރީގެ ސްޓްރެޓެޖީއާ އެއްގޮތަށް މިންތީގެ ހަމަހަމަކަން އިތުރުކުރުމަށް ދިރާގާ ގުޅިގެން މަސައްކަތް ކުރަން ލިބުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.

"ވިޔަފާރިތައް ހިންގުމުގައި އަންހެނުންނަށް ހަމަހަމަ ޖާގައެއް ލިބުމަކީ ކުންފުނިތަކަށް އެތައް ގޮތަކުން ފައިދާ އިތުރުވާނެ ކަމެއް. ދިރާގުން އެޅި މި ފިޔަވަޅާއެކު އެ ކުންފުނިން އެވަނީ ރާއްޖޭގެ އެހެން ކުންފުނިތަކަށް މުހިންމު ނަމޫނާއެއް ދައްކާފައި،" އައިއެފްސީ އިން ބުނެފައިވެ އެވެ.

ދިރާގުން މީގެ ތިންއަހަރު ކުރިން ވަނީ ވިމެން އެމްޕަވާމަންޓް ކޮމިޓީއެއް އުފައްދައި އެ ކުންފުނީގެ ޖެންޑާ އިކުއަލިޓީ ލަނޑުދަނޑިތަކަށް އިސްކަންދޭން ވެސް ފަށާފަ އެެވެ.