އިންނަމާދޫ

އިންނަމާދޫގެ ފެން ވިއުގައިގެ މަސައްކަތް ފަށައިފި

Sep 2, 2021

ރ. އިންނަމާދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ފެން ކުންފުނިން މިއަދު ބުނީ މިހާރު އެ މަޝްރޫއުގެ ދަށުން ކުރަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށެވެ. ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ އިންނަމާދޫ އަށް ގެންގޮސްފަ އެވެ.

އިންނަމާދޫގައި 8.33 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ ނެޓްވޯކެއް ގާއިމުކުރާނެ އެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރަން ތިން ތާންގީ ބަހައްޓާނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 50.8 މިލިއަން ރުފިޔާ އެވެ.

މި މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމަން ވަނީ ޝަރުތުކޮށްފަ އެވެ.